ގާސިމް އިބުރާހިމްގެ ވެރިކަމެއްގައި ރާއްޖޭގެ އުތުރާއި ދެކުނަކީ ތަރައްގީގެ ވަރަށް ވަރުގަދަ ހަބަކަށް ވެގެން ދާނެކަމުގައި ކުރީގެ ހެލްތު މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ. އަދި އުތުރާއި ދެކުނުން ޚިދުމަތްތަކާއި ވަޒީފާތައް ހޯދުމަށް ރައްޔިތުން މާލެ އަންނަންޖެހިފައި އޮތް އޮތުމަށް ގާސިމް ނިމުން ގެނެސް ދެއްވާނެކަމުގައިވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގާސިމްގެ ކެމްޕޭން ޓީމުން އިންތިޒާމްކޮށްގެން ރޭ ސަލްޓަން ޕާކުގައި ބޭއްވި ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ.
އަމީން އިތުރަށް ވިދާޅުވީ 2008 ވަނަ އަހަރުންފެށިގެން 3 ވެރިކަމެއް ފާއިތުކޮށް މިއަދު ރާއްޖެ އައިސްފަ މިއޮތް ހިސާބަށް ބަލާއިރު، ބުރިޖު އެޅިއްޖެ ކަމަށާއި، އުސް އިމާރާތްތައް ކޮށްފި ކަމަށާއި، ނަރުދަމާވެސް އެޅިއްޖެ ކަމަށާއި، ބަނދަރު ހެދިއްޖެ ކަމަށާއި، ހިލޭ ޑިގްރީއަށްވެސް އެބަ ކިޔެވޭ ކަމަށާއި، އެލަވަންސްތައް އިތުރުވެ މުސާރަތައްވެސް ބޮޑުވެއްޖެ ކަމަށާއި، ހިލޭ ބޭސްފަރުވާ އެބަ ކުރެވޭ ކަމަށާއި، އެހެންނަމަވެސް ހާސްކަމެއް ނުފިލާ ކަމުގައެވެ.
ވޭތުވެދިޔަ 15 އަހަރުގެ ކަންކަމަށް ރިޢާޔަތްކުރައްވައި، އަމީން ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން މިއަދު އަތުން ބީވެގެން މިދަނީ 3 ވަނަ ވެރިކަން ކަމަށާއި، އޭގެ ފަހުން 15 އަހަރު ވެގެންދިޔައިރުވެސް ހާސްކަން ފިލާ ނުދާނަމަ ދިވެހިންނަށް މި ތިބެވެނީ މީގެ 15 އަހަރު ކުރީގެ ހާލަތުގައި ކަމަށެވެ.
އަމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންނަށް ތައުލީމް ލިބިގަތުމަށް އެންމެ ހާސްކަން ބޮޑުވި ދުވަސްވަރު ހާސްކަން ފިލުއްވާދެއްވީ ގާސިމް އިބުރާހިމް ކަމުގައެވެ. އަދި ބޭސްފަރުވާގެ ދަތިކަން އެންމެ ބޮޑަށް އޮތް ދުވަސްވަރު އެ ހާސްކަން ދިވެހިންނަށް ފިލުއްވާ ދެއްވީވެސް ގާސިމް އިބުރާހިމް ކަމަށެވެ. ދަތުރުފަތުރުގެ ދަތިކަންވެސް އެންމެ ބޮޑުކޮށް އޮތް ދުވަސްވަރު އެ ހާސަކަންވެސް ދިވެހިންނަށް ފިލުއްވާ ދެއްވުމުގައި ގާސިމް އިބުރާހިމް އަދާކުރެއްވި ދައުރު އަމީން ފާހަގަކުރެއްވިއެވެ.
ރޭ ސަލްޓަންޕާކްގައި، ބޭއްވުނު ގާސިމް އިބުރާހިމްގެ ކެމްޕޭން އިވެންޓުގައި ގާސިމްގެ ރިޔާސީ ކެޕްމޭގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އިސް ބައެއް ބޭފުޅުންނާއި، ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.