ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރަންޖެހޭ ކަމަށާއި އެކަމަކު އެކަން ކުރަން ޖެހޭނީ ގާނޫނު އިސްލާހުކޮށްގެން ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދެއްވަން ފަށްޓަވާފައިވާއިރު މިހާތަނަށް މިއެލަވަންސްގެ ގޮތުގައި ދައުލަތުން ދެއްވަމުން އައިސްފައިވަނީ 2000 ރުފިޔާއެވެ. މިހާރުވަނީ މީގެ އިތުރުން މާލީ އިނާޔަތުގެ ގޮތުގައި އިތުރު 1،000 ރުފިޔާ އިތުރު އިނާޔަތެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އެއާއެކު އެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންނަށް މަދުވެގެން 3،000 ރުފިޔާ މިމަހުން ފެށިގެން ލިބޭނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރާތްތަކުގެ އެލަވެންސްތައް ޤާނޫނަށް އިސްލާހު ނުގެނެސް ބޮޑު ކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައި އުޝާމް ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހޭދަވާ ފައިސާތައް ޚަރަދު ކުރަންޖެހޭނީ ޤާނޫނަށް އިސްލާހު ގެނެސް ގެންކަމަށެވެ. ޤާނޫނަށް އިސްލާހު ނުގެނެސް ގެންނަ މިފަދަ ބަދަލުތަކަކީ ސަރުކާރުން ބޭނުންވާ ކޮންމެ އިރެއްގައި ހުއްޓާލެވޭނެ ބާރު އޮންނަ ކަމެއްކަމުގައި އުޝާމް ވިދާޅުވިއެވެ.
މިކަމަކީ ގާނޫނު އިސްލާހުކޮށްގެން ކުރަންޖެހޭ ކަމެއް. އެލަވަންސް ބޮޑުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ، މިގާނޫނު އިސްލާހުކުރުމަށް މީގެ 4 އަހަރުކުރިން 2019 ވަނަ އަހަރު MNP ގެ ރައީސް މުހައްމަދު ނާޒިމް މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރީސް. ގާނޫނު އިސްލާހު ނުކުރުމުގެ ނަތީޖާއަކީ އިތުރުކުރި އެލަވަންސް ދިނުން ސަރުކާރުން ބޭނުންއިރަކު ހުއްޓާލުމުގެ ފުރުސަތު އޮތުން.
– އުޝާމް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ގެނައުމަށް ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށް މަހަކު 5،000-7،000ރ. ގެ އެލަވަންސްއެއް ދިނުމަށެވެ. އަދި ދިގު މުއްދަތަކަށް އެނދުމަތިވެފައިވާ މީހުންނަށް މަދުވެގެން 9،000ރ. ގެ އެލަވަންސް ދިނުމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވަނީ އަންގާރަދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައެވެ.
މިފަދަ ބޮޑު ބަދަލެއް ސަރުކާރުންނެވިއިރު ރައްޔިތުންގެ މަޖިލީހަށް މިފަދަ އިސްލާހެއްވެސް ސަރުކާރުން ހުށަހަޅުއްވާފައި ނުވެއެވެ. އަދި މިވަގުތު ރައްޔިތުންގެ މަޖިލިސް އޮތީ ޚިޔާލު ތަފާތުވުމެއްގެތެރެއިން ހުއްޓިފައި ކަމަށްވުމުން މަޖިލިސް ތެރެއިންނ ޤާނޫނަކަށް އިސްލާހު ގެނައުމަކީ މިހާލަތުގައި ސަރުކާރަށް ފަސޭހަ ކަމަކަށްނުވާނެއެވެ.
ރިޔާސީ އިންތިޚާބަށް ތިން މަހަށް ވެފައި ވަނިކޮށް ޤާނޫނަށް ބަދަލު ނުގެނެސް ސަރުކާރުން ނިންމި މި ނިންމުމަކީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުކޮށް ގެނައި ބަދަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ.