ނާޒިމުގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ އެއްގަމާއި، ކަނޑާ ވައިގެ ސަރަހައްދު ބަލަހައްޓާނީ ދިވެހި އަސްކަރިއްޔާއިން ކަމަށް އެމް.އެން.ޕީ ގެ ނައިބު ރައީސް ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ، ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކޮށް ހަރުދަނާކުރާނެކަމަށާއި، މާލީ، އިޤްތިސޯދީ އަދި ސަލާމަތީ ކަންކަމުގައި އެއްގައުމަކަށް ބަރޯސާވެގެން އޮތްއޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ.
ނާޒިމުގެ ވެރިކަމެއްގަ ދިވެހި ރާއޖޭގެ އެއްގަމާ، ކަނޑާ ވައިގެ ސަރަހައްދު ބަލަހައްޓާނީ ދިވެހި އަސްކަރިއްޔާއިން. ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކޮށް ހަރުދަނާކުރާނެ. މާލީ، އިޤްތިސޯދީ އަދި ސަލާމަތީ ކަންކަމުގަ އެއްގައުމަކަށް ބަރޯސާވެގެން އޮތްއޮތުން ނިމުމަކަށް ގެންނާނެ. pic.twitter.com/TWzbIF3B7E
— Abdulla Riyaz MP (@riyazabdulla) June 17, 2023
އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވުމުގެ “މޯރަލް އޮތޯރިޓީ” އެއް ނެތްކަމަށް އެމްއެންޕީގެ ރައީސް އަދި ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސް ސާލިހުގެ މޯރަލް އޮތޯރިޓީއެއް ނެތްކަމަށް ވިދާޅުވާން ޖެހެނީ ސަބަބުތަކެއް ހުރެގެންކަމަށެވެ. އެގޮތުން ގާނޫނީގޮތުން ލިބިވަޑައިގެންވާ ބާރުގެ ބޭރުން އަމަލުކުރައްވާފައިވާތީ ރާއްޖޭގެ ވެރިކަމުގެ ތަހުތުގައި އިތުރަށް ހުރެވެން ނެތްކަމަށް ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ވިދާޅުވެފައިވަނީ، ރައީސް ބޭނުންވެވަޑައިގެންނެވި ނަމަވެސް ތަންތަނަށް ސިޓީ ނުފޮނުއްވޭނެކަމަށެވެ. ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ރައީސްއަށްވެސް ސިޓީއެއް ފޮނުއްވޭނީ ހުއްދައެއް ހޯއްދެވުމަށްފަހުކަމަށެވެ. ގެއްލުންތަކެއް ލިބިގޮސްފައިވަނީ ރައީސް ސާލިހު ހުއްދައެއް ހޯއްދެވުމަކާއި ނުލައި ސިޓީއެއް ފޮނުއްވުމުގެ ސަބަބުންކަމަށް ވަނީ ވިދާޅުވެފައެވެ.
އެމް.އެން.ޕީ އަކީ ދިވެހިރާއްޖޭގެ ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުގެ ބައިވެރިއެއްގެ ގޮތުގައި އިސް ދައުރެއް އަދާކުރާ ޕާޓީއެކެވެ.