މާތްވެގެންވާ އިސްލާމްދީނަކީ އަމާންކަމާއި ރައްކާތެރިކަމަށް ގޮވާލާ ދީނެވެ. އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ މައިގަނޑު ފަސް މަޤްޞަދެއްގެ މައްޗަށެވެ. އެ 5 މަޤްޞަދު ހިމާޔަތްކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. ޝައްކެތްނެތެވެ. ނަފްސާއި މުދަލާއި ބުއްދިއާއި ދީނާއި އަބުރު ރައްކައުތެރި ކުރުމަކީ އިސްލާމީ ޝަރީޢަތުގެ ފަސް މަޤްޞަފުގެ ތެރޭގައި ހިމެނޭ ފަސް ކަންތަކެވެ.
މި މަޤްޞަދުތަކަށް ވިސްނާލާއިރު، މުޖްތަމަޢުގެ އަފްރާދުންގެ އަބުރާއި ޢިއްޒަތް ހިމާޔަތް ކުރުމަށް އިސްލާމްދީނުގައި ވަނީ ނުހަނު ބޮޑަށް ބާރު އަޅުއްވާފައެވެ. މުޖްތަމަޢުގެ އަފްރާދުންގެ އަބުރާއި ޢިއްޒަތް ނަގާލެވޭނެ އެއްވެސް ކަމެއް ކުރުމަކީ އިސްލާމްދީން ހުއްދަކުރާނެ ކަމެއް ނޫނެވެ. ހަމައެހެންމެ، އަނެކާގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމަކީ ނުބައިވެގެންވާ ޖަރީމާއެކެވެ. އެކަމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރިކަން ބޮޑު ނުބައި ޢަމަލެކެވެ.
އެއްވެސް ގޮތަކަށް ވިސްނުމެއް ނެތި، އަނެކާގެ އަބުރު ކަތިލުމަކީ ހިތާމަ ހުރިކަމެކެވެ. އެހެނީ، އަބުރާއި ޢިއްޒަތަށް އަރައިގަތުމުގެ ޖަރީމާތަކުގެ ތެރޭގައި ޖިންސީ ފުރައްސާރަ ކުރުން ހިމެނިގެން ދާނީ އެންމެ ނުބައި އަމަލުތަކުގެ ތެރޭގައި ކަން އަހަރެމެން ޤަބޫލުކުރަންޖެހެއެވެ. މިފަދަ ނޭދެވޭ ކަންތައްތައް ކުރަމުންދަނީ، އެބައެއްގެ އީމާންތެރިކަން ހީނަރުވެ، ޝަހުވާނީ އެދުމުން ފުރިފައިވާ ވިސްނުމެއްގެ ތެރެއިންކަން ޤަބޫލުކުރާންޖެހެއެވެ.
މިއަދު މިކުޑަކުޑަ މުޖުތަމަޢުގައިވެސް މި ބަލިމަޑުކަން ފެތުރިފައި ވަނީ ހިތާމަކުރަންޖެހޭ ފަދަ ދަރަޖައަކަށެވެ. އިވެމުން ދަނީ ޖިންސީ ފުރައްސާރައާއި އަނިޔާވެރިކަމުގެ ލާއިންސާނީ ޚަބަރުތަކެވެ. ޖަހަމުންދަނީ ނުބައިވެގެންވާ މުންކަރާތްތަކުގެ ރަނގަބީލެވެ.
މިފަދަ ނުރައްކާތެރިކަމެއް މިހާހިސާބަށް ދާން ޖެހޭ ސަބަބަތަކެއް ވެސް ހުންނާނެ ކަން ގައިމެވެ. މުޖުތަމަޢުގައި ޒިންމާވާންޖެހޭ ފަރާތްތަކެއް އިހުމާލުން ނޫން ގޮތަކަށް މި ހިސާބަށް މުޖްތަމަޢުގެ ކަންކަން ނުދާނެއެވެ. ޤަބޫލުކުރަންޖެހޭ އަނެއް ޙަޤީޤަތަކީ، ތަޢުލީމާއި ތަރުބިއްޔަތުގެ މައިދާނުގައި، ވެވޭ އިހްމާލުގެ ބޮޑުކަމެވެ. ދީނީ ޝިޢާރުގެ އަޑުއުފުލައި، އިސްލާމީވަންތަ މުޖްތަމަޢެއް ބިނާކުރުމުގައި ވެވޭ އިހްމާލުވެސް އެހާމެ ބޮޑެވެ. މަސްއޫލިއްޔަތު އަދާ ކުރަން ޖެހޭ ފަރާތްތަކުން އެކަންކަމަށް ފަރުވާ ކުޑަވެ އަޅާނުލާ ދޫކޮށްލުމަކީވެސް ވަރަށް ބޮޑު އިހްމާލެކެވެ. ހަމައެހެންމެ، ޢަޤީދާ އާއި އަޚްލާޤިއްޔަތުގައި ބަލިކަށިވުމުގެ ސަބަބުން މުޖްތަމަޢުން މިފަދަ ނުބައި ޢަމަލުތަކުގެ މޫލާ ދިއުމެވެ.
މި ނުރައްކާތެރި ވަބާއިން މުޖްތަމަޢޫ ސަލާމަތްކުރުމަށްޓަކައި، އިސްލާމީ ތަރުބިއްޔަތާއި ތަޢުލީމާއި އަޚްލާޤިއްޔާތުގެ ފޭރާމުން މި ޖީލު ތަރުބިއްޔަތު ކުރިން މުހިއްމެވެ. އިސްލާމީ ޝަރީޢަތުގައި މި ފަދަ ޖަރީމާތަކަށް ކަނޑައަޅުއްވާފައިވާ އަދަބުތައް މުޖުތަމަޢުގައި ތަންފީޒު ކުރެވިގެން ދިޔުމަކީ ކޮންމެހެންވެސް ކުރާން ޖެހޭ ކަމެކެވެ. މަޤާމްތަކާއި މަސްޢޫލިއްޔަތު ތަކާ ހަވާލުވެފައިވާ ފަރާތްތަކުން މާތް ﷲ އަށް ބިރުވެތިވެ އެބައިމީހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އާމާނާތްތެރިކަމާއެކު އަދާ ކުރާންޖެހެއެވެ. ޤާނޫނަށް ތަބާވެ، ހަމަހަމަކަމާއި އިންސާފު ކަށަވަރުވެފައި އޮތުން މުހިންމެވެ. ރައްޓެހިންނާއި، ދެކެފަރިތަ މީހުންނާއި، ތިމާގެ މީހުންނާއި، ޢާއިލީ މީހުން ކުރާ ކުށްތަކަށް ފަސްއަޅާ ފޮރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ނިމުމެއް އަންނަން ޖެހެއެވެ.
އިސްލާމީ މުޖުތަމަޢެއްގައި އޮންނަން ޖެހޭ ދަލުވެތިކަމާއި ޢިއްފަތްތެރިކަމުގެ މަތިވެރި ސިފައިން މުޖްތަމަޢު ޖަރީކުރެވޭނީ އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކޮށްގެންނެވެ. ޖިންސީ ފުރައްސާރަ ކުރުން ފަދަ ނުބައި ޢަމަލުތަކަކީ މުލުން ލުހެ ސާފުކުރާންޖެހޭ ވަބާތަކެކެވެ. މިފަދަ ކަންކަމަށް ސަމާލުކަންދީ އަޅުގަނޑުމެންގެ އާއިލާއާއި އަނބިދަރިންނަށް އަމާން ރައްކާތެރި މާހައުލެއް މި މުޖުތަމަޢުގައި ޤާއިމުކުރުމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވެ މަސައްކަތް ކުރާންޖެހެއެވެ.