Thursday, 18 April 2024

ގުޅިފަޅުން ފްލެޓް ނުލިބުނު މީހުންނާއެކު އެގްރީމަންޓުތަކުގައި ސޮއިކުރަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި އެވެ.

ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތަރައްގީކުރި ވިނަރެސް އިން ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ގުޅީފަޅު، ސީލައިފް އަދި ހިޔާއިން ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކަށާއި، އާންމުންގެ ތެރެއިން ހޮވި ފަރާތްތަކަށެވެ. މީގެ ތެރެއިން ގުޅީފަޅު ކަސްޓަމަރުންނަށް ލިބޭ ހައުސިން ޔުނިޓުތަކުގެ އެގްރީމަންޓުގައި ސޮއިކުރަން މިއަދު ވަނީ ފަށައިފައެވެ.

އާބަންކޯ އިން ބުނީ ޖުމްލަ 100 ފަރާތަކަށް ހައުސިން ޔުނިޓު ލިބޭއިރު، ދުވާލަކު 25 އެގްރީމަންޓުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރޯ މޯލް ގައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އާބަންކޯ އިން ބުނިގޮތުގައި ގުޅީފަޅު ކަސްޓަމަރުންގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ހައުސިން ޔުނިޓު ލިބޭ އެހެން ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެ ކުންފުނިން ބުނީ މީގެ އިތުރަށް އެންޑް ޔޫޒާ އަދި ހައުސިން ޔުނިޓްތަކަށް ފުލް ޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް ޔުނިޓް ސެލެކްޓް ކުރުމުގެ ފުރުސަތު ހުޅުވާލުމުން މިހާތަނަށް 128 ޔުނިޓެއް އެ ފަރާތްތަކުން ނަގާފައިވާ ކަމަށެވެ. އަދި އާންމުނަށް ހުޅުވާލައިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެ ކުންފުންޏަށް ދިގު މުއްދަތަށް ބަހާލައިގެން (އެންޑް ޔޫސާ) މޮޑެލް އަށް ފައިސާ ދައްކާ ފަރާރްތަކުގެ ފައިނޭންޝަލް އިވެލުއޭޝަން ފަށައި، އެ ފަރާތްތަކަށް ޔުނިޓު އިހްތިޔާރުކުމުގެ މަރުހަލަ އަންނަ ހަފްތާ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.

ވިނަރެސް ހައުސިން ޔުނިޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފެށިއިރު، އަންނަ ޖުލައި މަހުގެ ތެރޭގައި ވެރިފަރާތާ ޔުނިޓު ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *