މި ސަރުކާރުގައި ހުރި ކޮރަޕްޝަނާއި ނޭއްގާނީ ކަންތައްތައް ދެނެގަތުމުގެ މަސައްކަތް ފަށަން މިހާރު ޕީޕީއެމުން ތައްޔާރުވަމުން ދާ ކަމަށާއި، މުއައްސަސާތަކަށް ހިމޭނަކުންނެއް ދެނެއް ނުތިބެވޭނެކަމަށާއި، އެ ޖާގަ ނުދޭނެ ކަމަށް ޕީޕީއެމް ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ.
"ފިނި ކޮޓަރީގައި މަޑުމައިތިރިކަމާ އެކު ތިބެގެން ސަރުކާރު ދަވާލާކަށް ދެން ޖާގަ ނުދޭނަން،" އިދިކޮޅުގެ ޖަގަހަ ޖަލްސާގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ
އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިހާރު ފަށަން ތައްޔާރު ވަނީ ވެރިކަމާ ހަވާލުވުމުގެ މަސައްކަތް ކަމަށާއި މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އިތުރު ކަންކަން ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ވެސް އަދުރޭ ރޭ ވިދާޅުވިއެވެ.
ޢަބްދުއްރަހީމް ވިދާޅުވިގޮތުގައި، މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާ ސެޕްޓެމްބަރު 9 އަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސިޔާސީ ހަޔާތް ނިމުމުގެ ސިއްކަ ޖަހާ ދުވަހެވެ.
އިއްޔެ ބޭއްވި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 11 ދާއިރާއެއްގެ ބައި އިލެކްޝަންގެ އިއްޔެގެ ނަތީޖާ އިން ސަރުކާރަށް ދިން ފިލާވަޅަކީ ހަރުދަނާ ސިޔާސީ ބޭފުޅެއްގެ ފަހަތުގައި ސާބިތުވެ ބަޔަކު ތިބިކަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްޓަކައި ކުރާ އުންމީދެއް އެބައޮތްކަން އެ ނަތީޖާ އިން ސާފު ކަމަށް ވިދާޅުވިއެވެ.
" ދިވެހި ރައްޔިތުންގެ އިތުބާރު އޮތް ޝަރުއީ ނިޒާމެއް ގާއިމުކުރަން މި އަންނަނީ. އެ ކަން ކުރުމުގެ ގާބިލްކަން ހުރި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީންކަން އެނގެނީ އެ މަނިކުފާނުގެ ޒައާމަތުގައި ހިނގައިދިޔަ ކަންތައްތަކުން. ގާނޫނު ތަންފީޒު ކުރުމުގައި ނުބައްލަވާ ކުޑައެއް ބޮޑެއް. ގާތް މީހެއް، ދުރު މީހެއް. މަގާމަކަށް ނުބައްލަވާ!" އަދުރޭ
ޕީޕީއެމަކީ މިހާރު ހުންގާނު ނެތް ދޯންޏެއް ފަދަ ޕާޓީއެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ވެސް އޭނާ ރައްދު ދެއްވި އެވެ. ވިދާޅުވީ، އިއްޔެގެ ބައި އިލެކްޝަންގެ ނަތީޖާ އިން އެނގުނީ އެ ގޮތަށް ދަތުރުކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "އޮޑި" ކަން ކަމަށެވެ.
"ޕީޕީއެމް ދަތުރުކުރަނީ ޕީޕީއެމް ދަތުރުކުރާ އަމާޒު އެނގިގެން. އަމާޒަށް ދަތުރުކުރަމުން މި ދަނީ. އެހެންވީމާ 11 ބައި އިލެކްޝަންގެ ތެރެއިން 8 ބައި އިލެކްޝަން ރައީސް ޔާމީން ކާމިޔާބު ކުރެއްވީ. އަޅުގަނޑުމެންނަކަށް ނޯޅޭ އަޅުގަނޑުމެންގެ މިސްރާބެއް. އަޅުގަނޑުމެންނަށް އެބަ އެނގޭ އަޅުގަނޑުމެން ދަތުރުކުރާ އަމާޒު. އަޅުގަނޑުމެން ދަތުރު މި ކުރަނީ ޔަގީންކަމާ އެކު،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭގެ ހެއްކެއްގެ ގޮތުގައި އަބްދުއްރަހީމް ނެންގެވީ އެމްއެމްޕީއާރުސީގެ ހިޔާނާތެވެ. އޭނާ ވިދާޅުވީ، އެ ހިޔާތް ބެލުމުގައި ޔާމީނަށް ނުހައްގުން އަނިޔާކުރުން ނޫން އެހެން ކަމެއް މި ސަރުކާރަށް ނުކުރެވޭ ކަމަށެވެ. މިހާތަނަށް އެމްއެމްޕީއާރުސީގެ މައްސަލަ ބެލި ވަރަކަށް ބެލީ ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އެ މަނިކުފާނުގެ ނައިބު ރައީސްކަމުގެ މަގާމުގައި ނޫންތޯ އަހުމަދު އަދީބު އޭރު ހުންނެވީ. ހުއްޓާ ނޫންތޯ މައްސަލަ ބެލީ. މި ސަރުކާރުން އައިސް މި ކުރި ކަމަކީ މި ހުރިހާ ލާރިއެއް ޕަކަޅާ ކޮށްލީ. މި ހުރިހާ ވައްކަމެއް ކުރި، ހިޔާނާތްތެރިވި މި ބުނާ މުއްލާ، އަހުމަދު އަދީބު، އޭނާ އާއި އޭނާގެ ބައިވެރިޔާ އަބްދުﷲ ޒިޔަތު ގެނެސް ފިނި ކޮޓަރީގައި ބައިތިއްބާފައި ރައީސް ޔާމީން ގެންގޮސް ހުރަގެ އަށް ލީ،" އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ޕީޕީއެމުން ވެރިކަމާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކުރާނެ ކަމަކީ ވަގުންގެ ޕާސްޕޯޓް ހިފެހެއްޓުން ކަމަށެވެ. ޤާނޫނު އަރާ ހަމަކުރާނެކަމަށާއި، ރައީސް ޔާމީނަށް އެ ކަން ކުރަން ކެރިވަޑައިގަންނަވާނެ ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.