ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމަކީ، ދިވެއްސަަކަށްވީތީ އެކަމާއިމެދު ފަޚްރުވެރިވެވޭކަމެކެވެ. މިރީތިކަން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރަންވެސް ތިބީ ހަމަ ދިވެހިންނެވެ. މަގުމައްޗަށާއި، ގޮނޑުދޮށަށް އަދި މޫދަށް ކުނިބުނި އުކާނަމަ، އެކުރެވެނީ ވަރަށްވެސް ގޮތެއްފޮތެއްނެތް ދަށުދަރަޖައިގެ ޢަމަލެކެވެ. މިސާލަކަށް ރީތިގޮނޑުދޮށަކަށް، ފާޑުފާޑުގެ ކުނިބުނި ލައްގާފައިވާ ނަމަ ރީތިކަމުގެ މާނައެއްނެތެވެ. ކަންކަން ހެޔޮމަގުން ގެންދިޔުމަށް ހަރުކަށި އުސޫލުތަކެއް ނުވަތަ ފިޔަވަޅުތަކެއް އޮތީމަ، އެކަށް ތަބާވުމުގެ ނިޔަތުގައި ކަމެއްކުރުމާއި، ރީތި ހަމަތަކާއި އުޞޫލުތަކަކީ، ދިރިއުޅުމުގެ މަރުޙަލާގައި ނުހަނު ބޭނުންތެރިކަމެއްކަމަށް ދެކިގެން ފަރުދީގޮތުން ކަމެއްކުރުމުގައި ވަރަށްވެސް ބޮޑުތަފާތެއްވެއެވެ. އެތަފާތަކީ، ކަމަކަށް މަޖުބޫރީ ޙާލަތެއް އޮތްކަމުގެ އިޙްސާސް ކުރެވިގެން ކަމެއްކުރުމެވެ. އަދި އެއްވެސް މަޖުބޫރުކަމެއްނެތި އިޚްތިޔާރުގައި ހެޔޮކަމެއްކުރުމެވެ. މިސާލަކަށް ބުނާނަމަ މަގުމަތީގައި އުޅަނދު ދުއްވާއިރު، ފުލުހުންނަށް ކޮށްދޭކަމެއްކަމަށް ދެކިގެން އުޅަނދު ދުއްވުމާއި، މަގުމަތީގެ ގަވާއިދުތަކާއި، އުސޫލުތައް އެނގިހުރެ އުޅަނދު ދުއްވުމުގައިވެސް ވަރަށްބޮޑުތަފާތެއްވެއެވެ.
އިޚްލާސްތެރި ހިތެއް އޮތް މުސާފިރެއްގެ ދުރުމިން ޤައުމަށް ވަމުންދާގޮތް ބަލާލުމެވެ. ވިސްނާ ފިކުރު ހިންގާލުމެވެ. މިއީ އިޖުތިމާޢީ ނަޒަރަކުން ވިސްނާއިރު ކޮންމެހެންވެސް ކުރަންޖެހޭކަމެކެވެ. އެއީ އަންނާން އޮތް ޖީލު ދަފަރާކުރުމުގެ އައްޑަނައެއްކަމަށް ފަހަރުގައި ވެދާނެތީއެވެ. ނަމަވެސް ސިޔާސީ ހައްދުފަހަނައެޅި ފަރުދަކަށް، މިކަމުގައި މާބޮޑު ޝައުޤެއް ނުއުފެދުނަސް، އިޖުތިމާޢީ ފަރުދަކަށް މިއީ ވަރަށް މުހިންމުކަމެއްކަމަށް ވެދާނެއެވެ.
އަބަދުވެސް އިވެމުންދާ ޝަކުވާއެއް އޮވެއެވެ. ކުޑަކުޑަ ފަޓާހެއް ރާއްޖެ އެތެރެކުރުން ހުއްޓުނު ބީދައިން، މަސްތުވާތަކެތި ރާއްޖެ އެތެރެވުން ނުހުއްޓުވުނުކަމުގެ ޝަކުވާއެވެ. މިވާހަކަޔަކީވެސް ވަރަށް ބޮޑަށް ދިރާސާކޮށް، މީގެ އަސްލާހަމައަށް ފީނަންޖެހިފައޮތްކަމެކެވެ. މިކަމުގައިވެސް ގޮތްނޭންގޭ ސިއްރުތަކެއް ނުވަތަ ނުފޫޒުގަދަބައެއްގެ ބޮޑު ޝާމިލްވުމެއް އޮތް ކަމަށް ވަރަށްބޮޑަށް ތުހުމަތުކުރެވެއެވެ. މިކަން ކޮށްގެން، އެލިބޭ ވަގުތީ މާލީ މަންފާއަކީ، އެ މަންފާގައި އެއްވެސް ބަރަކާތެއްނެތް ނުވަތަ އެއްވެސް އޮއްޓަރެއްނެތް މަންފާއެކެވެ. އެއެއްޗެއް ހޯދިގޮތަކަށް، އެއެއްޗެއް ބީވެގެންދާނެއޭ ބުނާ ޙަޤީގަތުގެ މައްޗަށް ބުރަވެ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ފަރާތްތަކުން މިކަން ހުއްޓާލުމަށް ހަރުއަޑުން ގޮވާލަމެވެ.
މަސްތުވާތަކެތި އެތެރެކުރުމާއި އަދި އެތަކެތީގެ ވިޔަފާރިކުރުމާއި، ބޭނުންކުރުން މިދަނީ، ދުވަހެއް ދުވަހަކަށް އިތުރުވެ ފުޅާވަމުންނެވެ. ކަންކަންމަތީ ބިއްޖެހިފައެވެ. ތޫނު ހަތިޔާރު ހިފައިގެން މާރާމާރީ ހިންގުމުގައެވެ. ވައްކަމާއި ފޭރުމުގައެވެ. މީހުންގެ ލެއި އެއްވެސް ޙައްޤަކާއި ނުލައި، އޮހޮރުވާލުމުގައެވެ. ބޮޑެތި ޒަޚަމްތަކާއިއެކު މީހުންގެ ފުރާނަ ދުއްވާލުމުގައެވެ. މަސްތުކަންމަތީ އާވާރާވެތިބެއެވެ. މިއީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި އެއްގޮތަކަށްވެސް ހިނގައިގެންނުވާނެކަންކަމެވެ. މުސްލިމުންގެ ލޭބަލް މިހާ ހުތުރުކޮށް އޮވެގެންވާނެތޯއެވެ؟ މާތްވެގެންވާ އިސްލާމްދީނުގެ ހިޔާ ފެތުރިފައިވާ، އެމާތް ދީނުގެ އަލިކަމުގެތެރޭގައި، މި ޢަމަލުތައް އޮތުން ބަލައިގަނެވޭނެތޯއެވެ؟ މިހާލަތުގައި …… " އާދޭ! އާދޭ! އެންމެން އާދޭ! ދިވެހިންގެ ބިމަށް އުފަލުން އާދޭ! " ….. ގޮވާލީމާ، ބޭރުން އަންނަ ފަތުރުވެރިންނަށް، މި ދިވެހި ޤައުމުގެ ފެއްސާއި ހުދާ ރަތުގެ ދިދައިން ކިޔޭނީ ކޮން މަރުޙަބާއެއްތޯއެވެ؟ މި ޤައުމު އެފަތުރުވެރިންނަށް ދައްކާނީ ކޮންމޫނެއްތޯއެވެ؟ މިއީ ޤައުމުގައި ހުރި މައްސަލަތަކުގެ ކުޑަމިންވަރެކެވެ. މިކަން ޙައްލުކުރުމަށް، ޤާނޫނުތަކާއި ، އުޞޫލުތަކާއި، ފިޔަވަޅުތައް އިތުރަށް ދިރާސާކޮށް، ހަރުކަށިކުރެވިގެން މެނުވީ މަސްތުވާތަކެތީގެ ވަބާ މިޤައުމުން ފުހެވޭކަށްނެތެވެ.
ސައިންސާއި ޓެކްނޮލިޖީ އާއި ސުމާރޓް ދުނިޔެއަކަށް ލޯހުޅުވިގެންދިއުމާއިއެކު، އާވައްތަރެއްގެ ވައްކަންތަކެއް، ހިނގަންފަށައިފިއެވެ. ބުރަ މަސައްކަތްކޮށްގެން އެތައްދުވަހަކުން އެއްކުރި ފައިސާކޮޅު،ނޭންގިހުއްޓާ ހީލަތްތެރިކަމުގެ މާސިންގާކަނޑަށް ދަމައިގަންނަނީއެވެ. "ސްކޭމް" ކޯލްތަކުން މީސްމީހުންގެ ސިކުނޑިއަށް ސަވާރުވެ އެމީހުންގެ ޙައްޤުތައް ފޭރިގަންނަނީއެވެ. އަދި ސައިބަރ ކްރައިމްގެ ބޮޑު ހާއްޔަކަށް ޤައުމުވެގެންދިއުމަކީވެސް ކަންބޮޑުވުމެކެވެ. ޒަމާނުގެ ޓެކްނޮލޮޖީގެތެރެއިން، މިފަދަ މައްސަލަތައް ޙައްލުކުރުމުގެ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މިފަދަ ކުށްތައްކުރާފަރާތްތައް ދެނެގަނެ، ޤާނޫނުގެ ދިގުއަތް މިމީހުންނާއިހަމައަށް ފޯރުވާންޖެހެއެވެ. މިބާވަތުގެ ހީލަތްތެރި ފިކުރީ ވައްކަމާއި، ފޭރުމާއި، މަސްނޫޢީ ޚިޔާނާތުން މިޤައުމު ސަލާމަތްކުރަންޖެހެއެވެ.
ޤައުމީދުވަސް، މިނިވަންދުވަސްފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރެއެވެ. އިހުޒަމާނުގެގޮތަށް ދިވެހި ލިބާހާއި ދިގުހެދުން ލައެވެ. އެމީހަކަށް ވެވުނުވަރަކުން، ޒީނަތްތެރިވެ މޭކަޕްކޮށްގެން ނަލަހެދިގެން ނިކުމެއެވެ. ގޮތްގޮތަށް ފޮޓޯނަގައި ، ސޯޝަލް މީޑިއާގައި ޝެއަރކޮށް ލައިކް ލިބޭމިންވަރު ބަލާހަދައެވެ. ޤައުމު ދެކެ ލޯބިވުން ނުވަތަ ޤައުމިއްޔަތަކީ މިއީކަމަށްވާ ނަމަ، ކާބަފައިންގެ ޒިކުރާ އާލާކުުރުމުގެ ކަންކަން މިދަނީ ހަމަރަނގަޅަށްތޯ، ހިތާހިތާ ސުވާލުކުރެވެއެވެ. ދިވެހިންގެ މާދަރީބަހުން ވާހަކަދައްކާލަން ނޭންގުމާއި، ދިވެހި ތާނައަކުރު ރީތިކޮށް ލިޔަންކިޔަން ނޭންގުމާއި، ދިވެހި ބަހުން ހަމަޖެހޭގޮތަކަށް ޖުމްލައެއް އަތުރާލަން ނޭންގޭ ހިސާބަށް ދިއުމަކީ، މިކަމުގައި ފުންކޮށް ވިސްނަންޖެހިފައިވާކަމެކެވެ. މިހިސާބަށް ކަންކަން ދިޔުމުން، މިކަންކަން ހައްލުކުރުމުގެ އަވަސް ފިޔަވަޅުތަކެއް މިއަދު ނާޅައިފިނަމަ، މާދަމާ ދިވެހި ދިދައިގެ ކުލަތައްވެސް ނޭންގޭހިސާބަށް ހިނގައިދާނެކަމުގެ ބިރުއެބައޮތެވެ.
ﷲ ޞުބްހާނަހޫ ވަތަޢާލާގެ ދީލަތި މަދަދާއި، އޯގާވަންތަކަމުން، މި ދިވެހި ޤައުމަށް ހިޔާއަޅާފައި މިވާ މާތްވެގެންވާ އިސްލާމްދީނާއި، މި ދިވެހި ޤައުމުގެ މިނިވަންކަމާއި، ޘަޤާފަތަކީ، ލޭފަވެތި އަބްޠާލުން މިޖީލަށް ޙަވާލުކޮށްފައިވާ އަމާނާތެކެވެ. އިސްލާމްކަމުން އަލިވަމުންދާ އަލިނޫރާނީ ހުޅުކޮޅު، އިސްލާމްދީނުގެ ދުސްމަނުންގެ ތުމުންފުމެ ނިއްވާލަން އެކުރާ މަސައްކަތަކީ، ވަރަށްބޮޑަށް ފާރަވެރިވެ ހުށިޔާރުކަންމަތީ ތިބެންޖެހޭކަމެކެވެ. މި ބީދައިން ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ފޭރާމަށް ކުޑަވެސް ކިލަނބުކަމެއްނުދީ، ރައްކާތެރިކުރަންޖެހެއެވެ. މަޢުލޫއާއިގެން ކުރިޔަށްގޮސް ނިންމާލުވާއިހަމައަށް، މިއާދެވުނީ ޤައުމުގައި ހުރި ބައެއް މައްސަލަތަކަށް ޚުލާސާ ނަޒަރެއްދެމުންނެވެ. ނަމަވެސް ޤައުމުގައި ހުރި މައްސަލަތަކީ، އެމައްސަލަތައް ޙައްލުކުރުމަށް ވަރަށް ފުޅާދާއިރާއެއްގައި ޢިލްމީ ދިރާސާތަކެއްކޮށް، މަޝްވަރާތައް ކުރިޔަށްގެންގޮސް ހައްލުކުރަންޖެހިފައިވާ މައްސަލަތަކެކެވެ.