އަލަށް އަމަލުކުރަން ފެށި ކޯޑް އޮފް ކޮންޑަކްޓްގެ ދަށުންވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި ބައިވެރިނުވެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
އަލަށް އެކުލަވައިލި ކޯޑް އޮފް ކޮންޑަކްޓަށް އަމަލު ކުރަން ފެށުމާ އެކު ޝަރުއީ ދާއިރާގެ މުވައްޒަފުން އަމަލު ކުރަމުން އަންނަ 2011 ވަނަ އަހަރުގެ ގަވައިދުގައި އެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުން މަނާކުރާ ބާބު ވަނީ އުވާލައިފައެވެ. އެހެންވެ ޖުޑީޝަރީގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި އުޅުން ހުއްދަކުރީ ކަމަށް މީޑިއާގައި ވަނީ ރިޕޯޓްކޮށްފައެވެ.
ޑީޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ޝަރުއީ ދާއިރާގެ މުވައްޒަފުންނަކީ ސިޔާސީ ކަންކަމުން އެއްކިބާވެ ތިބެންޖެހޭ ބައެއް ކަމަށެވެ.
ޑީޖޭއޭ އިން ބުނީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމާއި ޕާޓީގެ އިންތިހާބުތަކުގައި ވޯޓުލުމާއި ތިމާގެ މީހަކު ވޯޓުލާ މަރުކަޒަށް ގެންދިއުމަކީ އެއްވެސް އިރެއްގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މަނާ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް ޕާޓީ ޖަލްސާތަކުގައި ތަގުރީރުކުރުމާއި މުޒާހަރާތަކުގައި ބައިވެރިވުން ފަދަ ކަންކަމަކީ މަނާ ކަމެއް ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފައެވެ. ސިޔާސީ ގޮތުން މަނާ ކަންކަމުގެ ދިގު ލިސްޓެއް ހިމެނުމުގެ ބަދަލުގައި ސިޔާސީ ހުރިހާ ހަރަކާތެއް އޭގައި ހިމެނޭ ގޮތަށް މިހާރު ވަނީ މަނާކުރެވިފަ ކަމަށްވެސް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.
ޑީޖޭއޭ އިން ބުނީ އާ ކޯޑް އޮފް ކޮންޑަކްޓްއާއެކު ޝަރުއީ ދާއިރާގެ މުވައްޒަފުން އިމްޕާޝަލިޓީއާ ބެހޭ ގޮތުން ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ކަންކަމާޢި އެނޫން އިޖުތިމާއީ ހަރަކާތްތައްވެސް ހިމެނޭ ކަމަށެވެ.