16 ޖަނަވަރީ 2025

ލޭ ހަދިޔާ ކުރަމާ!

ލޭ ހަދިޔާކުރުމަކީ ވަރަށް މަތިވެރި ޞަދަގާތެކެވެ. އިންސާނިޔަތައް ކުރެވޭ މަތިވެރި ހޭދައެކެވެ. އެއީ އެޙިދުމަތުގެ ބަދަލުނުދެވޭނެ ފަދަ ހެޔޮ ޢަމަލެކެވެ. ލޭފޮދަކަށް އެދި އާދޭސްކުރަމުންދާ އެތަށް ބަޔަކަށް އުއްމީދުގެ އަލިކަން ގެނެސްދެނީ، އެބައެއްގެ ލެއިން ޤުރުބާންވަމުންދާ ލޭހަދިޔާކުރާ މީހުންނެވެ. ލޭއަޅާ ބަލީގެ ވޭން ތަހައްމަލުކުރަމުންދާ ކުދިންނާ މީހުންގެ ދިރިހުރުމުގެ ހަމައެކަނި އުއްމީދަކަށްވެފައިވަނީ، އެކުދިންނަށް ހިލޭ ސާބަހަށް ލޭ ހަދިޔާ ކުރަމުންދާ އެޙިދުމަތްތެރިންގެ ދީލަތި އެހީއެވެ. އެފަދަ ކުދިންނާއި މީހުންނަކީ ކޮންމެ ދެހަފްތާއަކުން ނުވަތަ ބައެއްފަހަރު އެއަށްވުރެ އަވަސް އަވަހަށް ލޭއަޅަންޖެހޭ ކުދިންނެވެ. ނުވަތަ މީހުންނެވެ. މިފަދަ ކުދިންގެ މައިންބަފައިން ލޭހޯދުމަށް ކުރާ ބުރަ މަސައްކަތާއި، އުޅޭހާލު އަދި ހޭދަކުރާ ހޭދަކުރުން ވަޒަން ކުރެވޭނީ އެމަންޒަރު ގާތުން ފެންނަބަޔަކަށެވެ.

ލޭ ހަދިޔާކުރުމަކީ އިންސާނިޔަތައް ކުރެވޭ މަތިވެރި ޙިދުމަތެއްގެ އިތުރުން ޞިއްޙީގޮތުންވެސް ގިނަގުނަ ފައިދާތަކެއް ލިބޭ ކަމެކެވެ. ލޭ ހަދިޔާކުރުމުގެ ސަބަބުން ލިބޭ ބައެއް ޞިއްޙީ ފައިދާތަކުގެ ތެރޭގައި ދިފާޢީ ނިޒާމު ވަރުގަދަކޮށްދިނުމާއި، ލޭ ދައުރުވުން ރަނގަޅުވެ ލޭ ސާފުކޮށްދިނުމާއި، ބަރުދަން ރަނގަޅު މިންގަނޑުގައި ބެހެއްޓުމަށް އެހީތެރިވެދިނުމާއި، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމާއި، ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުން ހިމެނެއެވެ.

އާންމުގޮތެއްގައި ޤަވާއިދުން ލޭހަދިޔާ ކުރާ މީހަކަށް ލޭހަދިޔާ ކުރެވެނީ ކޮންމެ ތިންމަހުން އެއްމަހުއެވެ. ސަބަބަކީ ލޭ ހަދިޔާ ކުރުމުން ލޭގެ ރަތް ސެލް ހުންނަ މިންވަރު ދައްވެ، އަލުން އެބައި ރަނގަޅުވެ އިއާދަވުމަށް ގާތްގަނޑަކަށް 60 ދުވަހާއި 90 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. މިހާތަނަށް ކުރެވިފައިވާ ތަފާތު ދިރާސާތަކަށް ބަލާލުމުން، ލޭހަދިޔާ ކުރުމުގެ ސަބަބުން ލޭހަދިޔާކުރާ މީހާގެ ހަށިގަނޑަށް އެއްވެސް ނުރަނގަޅު އަސަރެއް ކުރާކަމަށް ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް، ޤަވަޢިދުން ލޭ ހަދިޔާކުރާނަމަ ސަލާމަތް ޞިއްޙަތެއްގައި ހުރުމަށް ހާއްސަ ސަމާލުކަމެއް ދޭނެޖެހޭނެއެވެ. ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި، ޤަވާޢިދުން ކަސްތަރު ކުރުމާއި، ޞިއްޙީގޮތުން ގެއްލުން ލިބިދޭ ޢަމަލުތައްކަމުގައިވާ ދުންފަތާއި މަސްތުވާތަކެތި ފަދަ ނުރައްކާތެރި ވިހަ މާއްދާތަކާއި ދުރުހެލި ވާންވާނެއެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަހަކީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ އިންސާނުންގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުން ހިލޭ ސާބަހަށް ލޭ ހަދިޔާކުރާ މީހުން ވަމުން އެދާ އިންސާނީ ޚިދުމަތުގެ އަގު ވަޒަންކުރުމާއި އެކު ލޭ ހަދިޔާކުރުމުގެ ބޭނުންތެރިކަމާއި މުހިންމުކަމާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި އެކަމަށް ބާރުއެޅުމެވެ.

ލޭއަޅާ ބަލީގެ ވޭން ތަޙައްމަލުކުރާ ކުދިންނާއި، އެކުދިންގެ ޢާއިލާތަކުން ލޭ ހޯދުމަށް އެކުރާ ބުރަމަސައްކަތާއި، އުޅޭ ހާލު ގާތުން ފެންނަ މީހެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުންވަނީ، އެހީތެރިވެވޭ ފަދަ ހާލަތުގައި ތިބި ހުރިހާ ފަރުދުން ލޭ ހަދިޔާކުރުމުގެ ޙިދުމަތާއި ގުޅިލައްވާ، އެފަދަ ބަލިކުދިންގެ ދިރިތިބުމުގެ އުއްމީދުގެ ހުޅުކޮޅު ދިއްލާލަ ދިނުމަށް މަސައްކަތްކުރާ ފަރާތަކަށް ވެލައްވާށެވެ. ލޭހަދިޔާކޮށްދެއްވާ، ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތްކޮށްދެއްވާށެވެ!

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު