ށ. މިލަންދޫގައި މިހާރު ކުރިއަށްގެންދާ އަމާންވެށި ޕްރޮގްރާމްގެ ތެރެއިން، މިލަންދޫ ސްކޫލްގެ 153 ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ 100 ވަނަ "ކޭމްޕް ފުރާވަރު" ކާމިޔާބު ކަމާއެކު ބާއްވައިފިއެވެ.
ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަނެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ޑެޕިއުޓީ ކޮމިޝނަަރ އޮފް ޕޮލިސް އަލީ ރަޝީދު، ފުލުހުންގެ އޮފިސަރުންނާއި އަދި މިލަންދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް އާދިލް ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި، ފުރާވަރު ކޭންޕުގެ ބައިވެރިންނަށާއި މުދައްރިބުން އަދި ކާމިޔާބުކަމާއެކު ކޭންޕު ކުރިއަށް ގެންދިއުމުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީލިޔުން ދީފައިވެއެވެ. ފުރާވަރު ކޭމްޕަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ ކޭންޕެކެވެ.
އޭގެ އިތުރުން، މިލަންދޫ ސްކޫލުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހަނދާނީ ފިލާ ދީފައިވެއެވެ. އަދި ފުރާވަރުގެ ފުރަތަމަ ކޭންޕުން ފެށިގެން 100 ވަނަ ކޭންޕާ ހަމައަށް ކޭންޕު ކުރިއަށް ގެންދިޔަ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ.
ޖޫން 15 އިން 17 އަށް ކުރިއަށް ގެންދިޔަ މި ކޭންޕުގެ ތެރެއިން، ދިރިއުޅުމުގެ ތަފާތު އެކި ކަންކަމަށް ދަރިވަރުން އަހުލުވެރި ކުރުވައި ދިރިއުޅުމުގެ މައިދާނަށް ނުކުމެ ދިރިއުޅުން އާރާސްތުކުރުމަށް ބޭނުންވާނެ ތަފާތު އެކި މައުލޫމާތު ދިނުމާއެކު ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ތަފާތުއެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވައި ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކުރުމާއެކު އެ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ. އަދި މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައުލޫމާތާއި ގަޑިން ގަޑިއަށް ކަންކަންކުރަން ދަސްކޮށްދީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ސާފުތާހިރުކަމަށް މަސައްކަތްކުރާނެގޮތް ދަސްކޮށްދީފައިވެއެވެ.
މި ކޭމްޕްގައި މައިންބަފައިންނާއި އެހެން މީހުންނަށް އިހުތިރާމްކުރުމުގެ ރިވެތި ސިފަ އަށަގެންނެވުމާ އަދި އާންމު އިޖުތިމާއި މިންގަނޑާ ހިލާފު ކަންކަމުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ހަމައެހެންމެ ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމުގެ އިތުރުން ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތަކަށް އަހުލުވެރިކުރުވައި ތަފާތު އެކިކަހަލަ ކުށްތަކުން ރައްކާތެރިކުރުމަށް މައުލޫމާތުދިނުމާއެކު ކަންކަމުގައި އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅައި ތަފާތު އެކި ހުނަރުތައް ދަސްކޮށްދީފައިވެއެވެ.