16 ޖަނަވަރީ 2025

ބާޣީ ލުތުފީގެ 25 އަހަރުގެ ޖަލު ހުކުމް ނިމިއްޖެ

ނޮވެމްބަރު 3، 1988ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގައި އެޙަމަލާގައި ކުށެއްނެތް 19 ދިވެހިން ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށް، އެތައްބަޔަކު ރަޙީނުކުރުމުގެ އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ ލުތުފީ އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެއެވެ.

ނޮވެމްބަރ 03 ގެ ހަމަލާ އާއި ގުޅިގެން ލުތުފީގެ މައްޗަށް ވެސް ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް އެމައްސަލައިގައި މަރުގެ ހުކުމް އިއްވި އެހެން މީހުންގެ ހުކުމް ވެސް އޭރުގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލު ކުރީއެވެ.

ލުތުފީ ޖަލުގެ ހުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް އޭނާ އަދި މިނިވަނެއް ނުވެއެވެ. ލުތުފީ މިހާރު ތަންފީޒު ކުރަމުންގެންދަނީ، ނޮވެމްބަރ 03 ގައި ދިން ހަމަލާ އާއި ގުޅިގެން ޖަލަށް ހުކުމްކޮށްފައި ވަނިކޮށް އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނު މައްސަލައިގައި އިއްވި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ހޯމް މިނިސްޓްރީން ލުތުފީއަށް ދޫކުރި އެއް އަހަރު ދުވަހުގެ ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން އޭނާ އަމިއްލަ ހަރަދުގައި ބޭސްފަރުވާ ކުރަން ލަންކާއަށް ދާން ޖެނުއަރީ 16، 2010ގައި ފުރި ގޮތަށް އުޅުނީ ރާއްޖެއިން ބޭރުގައި ފިލައިގެންނެވެ. ލުތުފީ ހޯދައި ހައްޔަރުކޮށް އޭނާގެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް މާޗު 2012 ވަނަ އަހަރުގެ ކްރިމިނަލް ކޯޓުން އަމުރެއް ވެސް ނެރުނެވެ. އޭގެ ފަހުން ލުތުފީ ހޯދަން ފުލުހުން އިންޓަޕޮލް މެދުވެރިކޮށް ރެޑްނޯޓިސް ވެސް ނެރުނެވެ.

ނުވަ އަހަރާއި ހަ މަހާއި ތިން ދުވަސް ވަންދެން ފިލައިގެން އުޅުނު ލުތުފީ ރާއްޖެ ގެނައީ، ލަންކާގައި ދިން އީސްޓާ ބޮމުގެ ހަލަމާތަކާ ގުޅިގެން އެ ގައުމުގެ ސިފައިން ފެށި އޮޕަރޭޝަނާއެކު، މެއި 1، 2019ގައި އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވެ އެތަނުގައި ދިރިއުޅެމުންދިޔަކަން ފަޅާއަރުވާލުމުންނެވެ.

ހ.ހާޖަރާގޭ ލުޠުފީއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3ވަނަ ދުވަހު ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓެވެ. އެއީ އެދުވަހު ދިވެހި ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާދެކޮޅަށް ހަތިޔާރާއެކު ނުކުމެ ބަޣާވާތްކުރި އިސް ބާޣީއެވެ. އެދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހިންގެ ކުށެއް ނެތް 19 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެއް ދިވެހިންނެއް ޒަޚަމްކޮށް އެތައް ދިވެހިންނެއް ރަހީނުކޮށްފައިވެއެވެ. މިޢުދުވާނުގައި ލުޠުފީވަނީ ދިވެހިޤައުމަށް ދުވަހަކުވެސް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދީފައެވެ.

ލުތުފީއާއެކު ނޮވެމްބަރު 3 ގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވެ، ޓެރަރިސްޓުންނާ އެކު މާލެ އައި ސަގަރު އަހުމަދު ނާސިރު ވެސް މިނިވަންވިތާ އެތައް އަހަރެއް ވެއްޖެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު