ސުޕްރީމް ކޯޓުން ކުރި ޙުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު، ނިމިދިޔަ 18 ވަރަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނާޒިމް، ބަދަލު ހޯދަން ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓުން ބެލޭނެ މައްސަލައެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް 2015 ވަނަ އަހަރު ނާޒިމް އުމުރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމްކުރެއްވީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މަކަރާއި ޙީލަތްހެދުމުގެ ކުށް ސާބިތުވެގެންނެވެ. ނަމަވެސް އެ ހުކުމަކީ ގާނޫނީ ހަމަތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި އެހުކުމް 2018 އަހަރު ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކުރުމުން ނާޒިމް ވަނީ ހުކުމްގެ ސަބަބުން އޭނާ ފުރުއްވަމުން ގެންދިޔަ މަޖިލީހުގެ މެމްބަރުކަމުގެ ގެއްލުމުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ. އަދި ހައިކޯޓުން ވަނީ އެ ނިންމެވުމަށް ތާއީދުކޮށްފައެވެ.
އެ މައްސަލަ ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން އެ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ބެންޗުން މިއަަދު އިއްވެވި ހުކުމްގައި ބަދަލު ހޯދަން ދައުވާ ނުކުރެވޭނެކަމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މިއީ ގެއްލުމުގެ ބަދަލު ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށާއި ޕްރީމް ކޯޓުގެ ނިންމުމަކަށް ވާތީ ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ނިންމުމަކީ ދައުވާގެ މައުޟޫގެ ބަޔަކަށް ރަޖިސްޓްރާ ގޮތް ނިންމުން ކަމަށެވެ. އަދި މިއީ ރަޖިސްޓްރާގެ ޒިންމާއެއް ނޫން ކަމަށާއި ޝަރީއަތަށް ހުށަހަޅައިގެން ދެ ފަރާތުގެ ހުށަހެޅުމަށް ބިނާކޮށް ގޮތް ނިންމަންޖެހޭ މައުޟޫއީ މައްސަލައެއްކަމަށް އެ ހުކުމްގައިވެއެވެ.
ސުޕްރީމް ކޯޓުގެ ޙުކުމުގައި ވަނީ ސިވިލް ކޯޓާއި ހައި ކޯޓުގެ ނިންމުންތައް ބާތިލްކޮށް، މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ މައްސަލަ ބަލައިގަނެ ގޮތެއް ކަނޑައަަޅަން ޖެހޭނެ ކަމަށެވެ.
މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއެވެ.