Thursday, 20 June 2024

އަހަރުގެ އެންމެ މާތް 10 ދުވަސް ފެށެނީ! މާދަމާއަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަސް

މާދަމާއަކީ، މިއަހަރުގެ ޙައްޖުމަހުން ފުރަތަމަ ދުވަހެވެ. ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ އަހަރުގެ އެންމެ މާތް، ބަރަކާތްތެރި 10 ދުވަހެވެ. އެ ދުވަސްތަކުގައި ކުރާ އަޅުކަމުގެ ސަވާބަށް ގިނަގުނަ ސަވާބާއި ދަރުމަ ދެއްވަވާނެކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ.

މިދިޔަ ހުކުރުގެ ޚުތުބާގައި ބުނެފައި ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ، ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރު ކަމަށެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ، ޙައްޖު މަސް ކަމަށާއި ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ، އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން މި ދުވަސްތަކުގައި ކުރެވެން އޮތް ޞާލިޙް ޢަމަލުތަކުގެ ތެރޭގައި، ރޯދަ ހިފުން ހިމެނޭ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި މާތް ﷲ އަށް ތަޤްވާވެރިވެ، މި ދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުން ގިނަ ކުުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. ޝައްކެތްނެތެވެ. މާތް ﷲ އީ އިރާދަކުރައްވާ ކޮންމެ އެއްޗެއް ހައްދަވައި، އޭގެ ތެރެއިން އިރާދަ ކުރައްވާ އެއްޗެއް މާތް ކުރައްވައި ޚިޔާރު ކުރައްވާ ރަސްކަލާނގެއެވެ.

އެކިއެކި ސަބަބުތަކާ ހެދި، މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތްގަނެފައިވާ އެތައް ބަޔަކަށް، ޙައްޖަށް ދެވޭ ގޮތް ނުވި ކަމުގައި ވިޔަސް، މާތް ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ. އެކަލާނގެ ރަޙްމަތް އަޅުގަނޑުމެންގެ މައްޗަށް ތަނަވަސްވެގެންވެއެވެ. އަމިއްލަ ޤައުމުގައި، އަމިއްލަ ވަޒަނުގައި، ތިބިކަމުގައި ވިޔަސް، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ދަރުމަޔާއި ޘަވާބު ލިބިގަތުމަށް މަސައްކަތް ކުރުމުގެ މަގު ވަނީ އަޅުގަނޑުމެންނަށް ތަނަވަސްވެފައެވެ. ނަމާދުކުރުމާއި، ރޯދަ ހިފުމާއި، ޤުރުއާން ކިޔެވުން ގިނަކުރާށެވެ. އަޅުކަންތަކުގައި މަސްޢޫލުވާށެވެ.

ބަރަކާތްތެރިކަން އެންމެ ބޮޑު ޒަމާނަކީ، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސްކަމަށްވީއިރު، އެ 10 ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތް ﷲ މި މަތިވެރި އިސްލާމްދީން ފުރިހަމަކޮށްދެއްވުން ހިމެނެއެވެ. މި ދީން ފުރިހަމަ ވުމުގެ ސަބަބުން، މި ދީނުގެ އަހުލުވެރިން ކުރާ ޢަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބި އެމީހުންގެ އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮ ލަފާ ޙަޔާތަކަށް ވާކަން ޤަބޫލުކުރާންޖެހެއެވެ. ދެދުނިޔޭގެ ޙަޔާތް ބާއްޖެވެރިކުރުމަށާއި، ފާގަތި ހަޔާތަކަށް އެދޭ މީހާ މި 10 ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ސަމާލުކަން ދޭށެވެ. މި ދިހަ ދުވަހުގެ ތެރޭގައި ޚާއްޞަކޮށް ސުންނަތް ރޯދަ ހިފުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު