ކޮމެޓީތައް އެކުލަވާލުމުގައި އިތުބާރުނެތް މައްސަލައެއް އެޖެންޑާއަކު ނެތް!

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތް މައްސަލަތަކާއި، ކޮމެޓީ ރައްޔިތުންގެ މަޖިލީހުގައި ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލާ ގުޅިގެން ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް މަޖިލީހުގެ އެޖެންޑާއިން ނަގައި މާދަމާގެ ޖަލްސާ ބާއްވާނެކަން މެމްބަރުންނަށް އަންގައިފިއެވެ.

މަޖިލީހަށް ރައީސް ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު، އީވާގެ މައްސަލައިގެ ނޯޓިސް ހަމަވެ ޖަލްސާއަށް އެޖެންޑާވެސް ނުކުރައްވައެވެ. އަދި ކޮމެޓީތައް އެކުލަވާލުމަށްޓަކައި މިދިޔަ ހަފްތާގެ ޖަލްސާތަކަށް އެޖެންޑާ ކުރި ނަމަވެސް މިހަފްތާގައި ވަނީ އެކަންވެސް އެޖެންޑާއިން ނަގާފައެވެ.

މަޖިލީހުގެ ދަފްތަރަށް ބަދަލު އައިސްފައިވަނީ އެމްޑީޕީގެ 13 މެމްބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެންނެވެ. އެގޮތުން ކޮމިޓީތައް އަލުން އެކުލަވައިލަން ޖެހޭކަމަށް މަޖިލީހުގެ ރައީސް ނިންމަވާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

އެހެން ނަމަވެސް މިކަމުގައި ގޮތެއް ނިންމުމުގައި ސިޔާސީ ޕާޓިތަކުގެ މެދުގައި އެއްބަސް ނުވެވޭތީ ކޮމިޓީތައް އޮތީ އެކުލަވައިނުލެވި، މަޖިލީހުގެ ހުރިހާ މަސައްކަތެއް އޮތީ ހުއްޓުމަކަށް އައިސްފައެވެ.

މަޖިލީހުގެ އެޖެންޑާ މިހާރު އޮތް ގޮތުން މާދަމާގެ ޖަލްސާވެސް ކުރިއަށް ދާނެކަމަށް ނުބެލެވެއެވެ. އެއީ އެމްޑީޕީން އެޖާގަ މަޖިލީހުގައި ނުދޭނެތީއެވެ. މީގެ ކުރިންވެސް ޖަލްސާތައް މިމައްސަލާގައި ހިނގާފައިވަނީ މިފަދަ ގޮތަކަށެވެ.

މާދަމާގެ ޖަލްސާގައި މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެއީ ގަވާއިދު ބުނާގޮތުން ޖެހިޖެހިގެން ތިން ޖަލްސާގައި މަޖިލީހުގެ ރިޔާސަތު މަޖިލިސް ރައީސް ނޫން މެމްބަރަކު ބަލަހައްޓަވައިފިނަމަ ޖެހިގެން އަންނަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލިސް ރައީސަށް ކަމަށް ވުމުންނެވެ. ނަމަވެސް މާދަމާގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ކޮން ބޭފުޅެއްކަމެއް ސާފެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *