18 ޖަނަވަރީ 2025

ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލައެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނާ މައްސަލައެއް އެމްޑީޕީން މިއަދު ހުށަހަޅައިފިއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ހުށަހެޅުއްވި އެ މައްސަލަ އަށް ބަހުސް ކުރުމަށް މިއަދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 37 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް ވަނީ ބަހުސް ފަށައިފަ އެވެ. އެ މައްސަލަ ބަލައިގަނެ، ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް ހަމަވުމަށް ފަހު، އެންމެ އަވަހަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިހުގެ ރައީސް ކަމަށް ބުނެފައިވީ ނަމަވެސް ނަޝީދު އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އިންކާރު ކުރައްވާފައިވާ ކަމަށެވެ.

މިމައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމުގައި މަޖިލިސް ރައީސް ޢަމަލު ކުރައްވާފައިވަނީ ޤާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވަނީ މިމައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މަޖިލީހުން ބަލައި ގަތުމަށް އެދިވަޑައިގެންފައެވެ.

މިމައްސަލައިގެ ބަހުސްގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ގަވާއިދާއި ޚިލާފްވެ ވަޑައިގެން މަޖިލީހުގެ ޖަލްސާތައް ހުއްޓުވައި، ކޮމެޓީތައް ކުރިއަށް ނުގެންދެވޭނެހެން ކުރައްވާ މަސައްކަތްތަކަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި އިދިކޮޅު މެމްބަރުން ވަނީ މަޖިލީހަށް ހުށަހަޅޭނެ މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ. މިމައްސަލައިގެ ބަހުސް ކުރުމަށް ދިން ވަގުތުގައި މައްސަލައަށް ބަހުސް ކުރުމަށްވުރެ ބޮޑަށް ފެނިގެން ދިޔައީ ސިޔާސީ ބަހުގެ ހަމަލާތައް ބަދަލު ކުރެއްވިތަނެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އިމްތިޔާޒާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ނަމަ އެހެން ހުރިހާ މަސައްކަތަކަށް ވުރެ ކުރިން އިސްކަން ދޭން ޖެހެއެވެ. އެ އާ ގުޅޭ ގޮތުން ގޮތެއް ނުނިންމައި އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ގަވައިދުގައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު