ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެ މަސައްކަތް ކުރުމުން ނެރެވޭ ނަތީޖާ ތަޖުރިބާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން އަންނަ ހަފްތާގެ އާދީއްތަދުވަހުން ފެށިގެން އެ ގޮތަށް އަމަލުކުރަން ނިންމައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިގޮތަށް ކަނޑައަޅުއްވާފައިވަނީ މިފެށޭ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 4 ވަނަ ދުވަހައި ހަމައަށެވެ. މި މުއްދަތުގައި އެއޮފީހުގެ މުވައްޒިފުން އޮފީހަށް ހާޒިރުވެ މަސައްކަތް ކުރާނީ ހަފްތާއަކު 4 ދުވަހުއެވެ.
މިގޮތަށް ހަމަޖެއްސިޔަސް ހަފްތާގެ ރަސްމީ ފަސް ދުވަހު ވެސް ޕީޖީ އޮފީހުގެ ރަސްމީ މަސައްކަތް މިހާރު ވެސް ލިބޭ އުސޫލުން ލިބެމުންދާނެ އެވެ. މި އިންތިޒާމު ހަމަޖެއްސުމަށް:
1. ޕީޖީ އޮފީހުން ދޭ ޚިދުމަތްތައް ޢާންމު އުޞޫލުން ހަފްތާގެ 5 ދުވަހު (ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު) ދެމުން ގެންދިއުން
2. ހަފްތާގެ 5 ދުވަހުގެ ތެރެއިން 1 ދުވަސް މުވައްޒަފު އޮފީހަށް ނުކުމެ މަސައްކަތްކުރަން ނުޖެހޭގޮތަށް ހަމަޖެއްސުން
3. މިފަދައިން އޮފީހަށް ނުކުމެ މަސައްކަތް ނުކުރާ ދުވަސް އޮފީހުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭގޮތަށް މުވައްޒަފުންގެ މެދުގައި ބަހާލުން
4. ގޭގައި މަސައްކަތްކުރާ ދުވަސްތަކުގައިވެސް ޕްރޮސިކިއުޓަރުން ކޯޓަށް ދާންޖެހުންފަދަ، އޮފީހަށް ނުކުމެ މަސައްކަތްކުރަންޖެހޭފަދަ އެނޫންވެސް މަސައްކަތެއް އޮތްނަމަ އޮފީހަށް ނުކުމެ މަސައްކަތްކުރުން. (އެދުވަހަކީ އޮފީހަށް ނުކުމެ ކޮންމެހެން ކުރަންޖެހޭ މަސައްކަތްކޮށް ނިންމުމުން ފުދޭ، ގަޑި ނުޖެހޭ ދުވަހެއް ގޮތުގައި އޮތުން)
5. މި މުއްދަތުގައި މުވައްޒަފު ސަލާމް ނުވަތަ ޢާއިލީ ޒިންމާ ޗުއްޓީއެއް ނަންގަވައިފިނަމަ ޖެހިގެން އަންނަ ހަފްތާގައި ޢާންމު އުޞޫލުން 5 ދުވަހު އޮފީހަށް ނުކުމެ މަސައްކަތްކުރުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަކީ ވަޒީފާއާއި ޢާންމު ދިރިއުޅުމުގައި ބެލެންސެއް ގެންގުޅޭ، ނަފްސާނީ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ތަޞައްވުރެކެވެ. "ހަތަރު ދުވަހުގެ މަސައްކަތު ހަފްތާ" އަކީ މި ތަޞައްވުރު ޙާޞިލްކުރުމަށްޓަކައި، މިކަމަކީ ދާއިމީގޮތެއްގައި ކުރެވިދާނެ ކަމެއްތޯ ބަލައި ތަޖުރިބާ ކުރުމަށްތަކައި ކުރާ ކަމެއްކަމަށް އެއޮފީހުން ވިދާޅުވެއެވެ.
ޕީޖީ އޮފީހުންވާނީ ފާއިތުވެދިޔަ ރަމަޟާންމަހުގެ ތެރޭގައި (23 މާރިޗު 2023 އިން 27 އެޕްރީލް 2023 އަށް) ހަތަރު ދުވަހުގެ މަސައްކަތު ހަފްތާގެ ފުރަތަމަ ފިޔަވައި ކާމިޔާބުކަމާއެކު ތަޖުރިބާ ކުރައްވާފައެވެ.