އަލިބަބާގެ ކޯފައުންޑަރ ޖެކް މާ ޓޯކިޔޯ ޔުނިވަރސިޓީގެ ވިޒިޓިންގ ޕްރޮފެސަރަކަށް ހަމަޖައްސައިފިއެވެ.
2020 ވަނަ އަހަރުން ފެށިގެން އާންމުންގެ ތެރެއަށް އޭނާ ނިކުމެވަޑައިގެން އުޅުއްވާފައެއް ނުވެއެވެ. ޓޯކިޔޯ ޔުނިވަރސިޓީގެ ވިޒިޓިންގ ޕްރޮފެސަރަކަށް ހަމަޖެއްސުމަށްފަހު، އޭނާގެ ފުރަތަމަ ކްލާސް، އެ ޔުނިވަރސިޓީގައި ނަންގަވާފައިވަނީ، މި މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ ނަންގަވައިދެއްވި ސެމިނަރ ބިނާ ކުރެއްވީ، މެނޭޖްމަންޓް ފިލޯސަފީގެ މައްޗަށާއި، ޒުވާން ޖީލު ކާމިޔާބު ހޯދާނެ ގޮތުގެ މައްޗަށެވެ. 2 ގަޑިއިރަށް ދެމިގެންދިޔަ ސެމިނަރގައި، އޭނާގެ ވިޔަފާރީގެ ކާމިޔާބީތަކާ އެކަމަށް ވާސިލުވުމަށް ކުރެއްވި ބުރަ އަދި ޒަމާނީ ގޮތްތަކާއި އުފެއްދުންތެރި ވިސްނުމުގެ މައްޗަށް ބިނާކޮށް، އެ މައުޟޫޢުއަށް ވަރަށް ފުންކޮށް އަލިއަޅުވާލެއްވިއެވެ.
ބިލިއަނަރ ޖެކް މާ އަކީ އީ ދުނިޔޭގެ އެންމެ ބޮޑު އީކޮމާރސް، އަލިބަބާގެ ފައުންޑަރެވެ. އަދި އޭނާއަކީ ކިޔަވައިދިނުމުގެ ދާއިރާގައިވެސް ޙަރަކާތްތެރިވާ، އިނގިރޭސި ޓީޗަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މަޤްބޫލު ޝަޚްޞިއްޔަތެކެވެ.
2020 ވަނަ އަހަރުން ފެށިގެން މިހާހިސާބަށް އޭނާ އާންމުންގެ ތެރެއަށް ނިކުތުން މެދުކަނޑާލާފައިވަނީ، ޗައިނާގެ ސަރުކާރުގެ ފައިނޭންޝަލް ރެގިއުލޭޓަރީ ނިޒާމަށް ފާޑު ކިޔުމަށްފަހު ދިމާވި ގޮންޖެހުންތަކުގެ ސަބަބުންނެވެ.