ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބޭފުޅުންނަށް އިންތިޚާބުގައި ވާދަކުރުމަށް ކުރިން ދީފައި އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށެވެ.
މިހާރު ޤާނޫނުގައި އޮތް ގޮތުން ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ލިބެނީ ޖުލައިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން މިމުއްދަތު 14 ދުވަހަށް އިތުރު ކުރެވިގެންދާނެއެވެ.
ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ކަނޑައަޅާފައި ވަނީ ދަރުބާރުގެއެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު ނުވައެއް ސެޕްޓެމްބަރާ ހަމައަށް 280،000 އަށް އަރާނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފަިއވާ މީހުންގެ އަދަދަށް ބަލާއިރު 18 އަހަރު ފުރިގެން އިތުރުވި މީހުންނާއި އަދި ނިޔާ ވުމުގެ ސަބަބުން އުނިކުރި މީހުންގެ ތެރެއިން 2018 އާއި 2023 ގެ ފަރަގަކީ ގާތް ގަނޑަަކަށް 20،000 މީހުން ކަމަށެވެ.