ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ބޭލިގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުންވެސް ބާލަން ޖެހިދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވުމުންނެވެ. ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ ކްރިމިނަލް ކޯޓުގެ ޤާޟީ އަބްދުﷲ އަހުމަދު ވަގަށް ނަގުމާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތައް ކޮންޓްރޯނުގެންނެވެ.
މަޖިލިސްގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަނީފު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ 55 މެމްބަރުން ސޮއިކޮށްފަ އޮތް ޕެޓިޝަން މަޖިލިހަށް ހުށަހެޅުމުން، ދެން ފިލާ އޮންނަ ނަމަ ޖެހޭނީ އިސްތިއުފާ ދޭން ކަމަށެވެ. އަދި އެހެންނޫނީ ވެރިކަމުގައި ހުންނަވަނިކޮށް ވެރިކަމުން ބޭލި ގޮތަށް މަޖިލީހުގެ ރިޔާސަތުންވެސް ބާލާނެ ކަމަށް ވިދާޅުވިއެވެ.
ކޮންކަމަކާތޯ ފިލާ އެ އޮންނެވީ. ލަދުހަޔާތް ކުޑައީ. ލަދު ހަޔާތް ކުޑައީ. ދެން ޖެހޭނީ ދިވެހި ރައްޔިތުން ނުކުންނަން. އަޅުގަނޑުމެންނަކީ ދިވެހި ރައްޔިތުން އިންތިހާބު ކޮށްފަ ތިބި ބައެއް. އަޅުގަޑުމެންގެ ޙައްގުތަކަށް ރިޔާސަތުން އަރަންޏާ.. އަރާކަމަށް ވެއްޖެއްޔާ ރައްޔިތުން ނުކުމެ ޖެހޭނީ ވެރިކަމުން ބޭލިގޮތަށް މިމަޖިލިހުގެ ގޮނޑިންވެސް ބާލުވަން.
– ސަނީފް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ސަނީފް ވިދާޅުވީ މަޖިލީހަކީ ކެނެރީގޭ ގޮނޑިކޮއްކޮ މަޖިލިހަކަށް ވާކަށްވެސް ބޭނުން ނުވާ ކަމަށާއި މަޖިލިސް ރައީސްކަމަކީ ވަކި އާއިލާއަކަށް ލިބިފައި އޮންނަ ވެރިކަމަކަށް ވާކަށް ރައްޔިތުން ނޭދޭ ކަމަށެވެ.
ސަނީފް ނަޝީދު ރިޔާސަތުން ބާލާނެކަމަށް އިންޒާރު ދެއްވާފައިވާއިރު، މަޖިލިހުގެ އައްލަބިއްޔަތު ސޮއިކޮށް، މަޖިލިހަށް ގަރާރު ހުށަހެޅުމުންވެސް ނަޝީދު ގެންދަވަނީ ރިޔާސަތުން އިސްތިއުފާ ދިނުމަށް ދެކޮޅު ހައްދަވަމުންނެވެ. އެހެންނަނަމެވެސް ނަޝީދު ވިދާޅުވެފައިވަނީ، މަޖިލިހުން މިހާރު ފޮނުވާފައިވާ ނޯޓިސްއަށް 14 ދުވަސް ހަމަވުމުން، މަޖިލިސް ރައީސްގެ ހައިސިއްޔަތުން މިހާރު ހުންނެވި މުރައިދޫގެ ދޫކޮށްލައްވާނެ ކަމުގައެވެ.