ރައީސް ޞާލިޙަކީ ވިއްކޭނެ މީހެއް ނޫން ކަމަށާއި، އަދި ޗޮއިސްއެއް ވެސް ނޫންކަމުގައި މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަންގު ޓީވީން ރޭ ގެނެސްދިން "ޚަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ވައްޑެ ވިދާޅުވީާ، "އެއީ ރައްޔިތުން ބޭނުންވާ ސްޕީޑެއްވެސް ނޫން, ރައްޔިތުން ބޭނުންވާ ނަތީޖާއެއްވެސް ނޫން. އިބްރާހިމް މުޙައްމަދު ޞާލިޙަކީ ޗޮއިސްއެއްވެސް ނޫން. އެއީ އަޅުގަނޑުމެންނަކަށް ވިއްކޭނެ މީހެއްވެސް ނޫން. އެކީގައި މަސައްކަތްކުރެވޭނެ މީހެއްވެސް ނޫން."
ވައްޑެ އިތުރަށް ވިދާޅުވީ، މިސަރުކާރުން 5 އަހަރު 190 ބިލިޔަނެއްހާ ރުފިޔާ ހޭދަކޮށްފިކަމަށާއި، ރަށަކަށް 5 އަހަރުން ގާތްގަނޑަކަށް ބިލިޔަން ރުފިޔާ، 1000 މިލިޔަން ރުފިޔާގެ މަގުން ތަޅާލިއިރު "މިބުނަނީ ފުޓްސަލް ދަނޑެއް އެޅީމޭ, ބަނދަރު މަރާމާތުކުރީމޭ," އެއީ ޙައްޤު މިންވަރެއް ނޫން ކަމުގައެވެ.
"5 އަހަރުގެ ދައުރު ނިންމަވާލެއްވިއިރުގައި އިތުބާރު ލިބިވަޑައެއް ނުގަތޭ އެންމެ ޕަސެންޓެއްވެސް އިތުރު ކޮށްލެވިދާނެ ކަމަކަށް… 2013 ގައި އޮތީ ރައީސް ނަޝީދު %49 ނަންގަވާފައި.." ވައްޑެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި އެންމެ ފުރަތަމަވެސް ވިސްނާނީ ފުއާދު ބޭރުކޮށްލުމަށްކަމަށެވެ. އޭނާ ވިދާޅުވީ، ފުއާދު ބޭރު ކުރުމަށްފަހު، އެ މަގާމަށް އައްޔަނު ކުރާނީ ރައީސް ސާލިހުގެ ޅިޔަނެއްކަމަށެވެ.