25 ޖަނަވަރީ 2025

ހުޅުމާލެ ކޮންޓެއިނަރ ޕާކް: ނުހުޅުވައި ވީރާނާވާން ދޫކޮށްލީތަ؟

ރައީސް މައުމޫނުގެ ޒަޢާމަތުގައި، 16 އޮކްޓޯބަރު 1997 ގައި ހުޅުމާލޭގެ މަޝްރޫޢު ފެށިގެން ދިޔައީ މާލޭގެ ތޮއްޖެހުން ނައްތާލުމަށްޓަކައި ހިންގޭ އެންމެ ބިޔަ ބޮޑު، އަދި އެންމެ ރޭވުންތެރި މަޝްރޫޢުގެ ގޮތުގައެވެ. އޭގެ ފަހުން ހުޅުމާލޭގެ މާސްޓަރ ޕްލޭންއާ އެއްގޮތަށް ވަރަށް ގިނަ ކަންކަން ހިނގަމުން ގޮސްފައިވެއެވެ. ނަމަވެސް މިފަހަކަށް އައިސް ހުޅުމާލޭ މާސްޓަރ ޕްލޭނަށް ބަދަލުތަކެއް ގެނެސް ތަފާތު އެކިއެކި މަސައްކަތްތައް ކުރެވެމުން ދެއެވެ.

ހުޅުމާލެ ކޮންޓެއިނަރ ޕާކްގެ ކޮންސެޕްޓް

މާލެ ސަރަޙައްދުގެ އެންމެ ބޮޑު އާބާދީއެއް އޮތް ތަނަކަށް ހުޅުމާލެ ބަދަލުވެގެންދާއިރު މި ސިޓީއަކީ ރާއްޖޭގައިވެސް ވަކި ޚާއްސަ ކޮންސެޕްޓަކަށް ތަރައްޤީކުރަމުންދާ ހަމައެކަނި ރަށެވެ. ބިމެއް ހިއްކައިގެން މާސްޓަރ ޕްލޭނަކާއެކު ފެށި ހުޅުމާލެ ވެފައިވަނީ ރައްޔިތުން އާބާދުވެ ދިރިއުޅުމަށް އެންމެ އެކަށޭނަ މާޙައުލާއި ޚިދުމަތްތަކާއެކު ތަރައްޤީކުރާ ސިޓީގެ ގޮތުގައެވެ. ޚާއްސަކޮށް ޕާކުތަކާއި މައިޒާންތަކާއި ހިތްފަސޭހަކޮށްލުމަށް ދާނެ ތަނެއް ކޮންމެ ނޭބަހުޑް ސަރަޙައްދެއްގައިވެސް ވަނީ ތަރައްޤީކުރަން ފަށާފައެވެ.

އެޗްޑީސީގެ ބެލުމުގެ ދަށުން ހުޅުމާލެގައި ކުރަން ފަށާފައިވަނީ ތަފާތު ކޮންސެޕްޓެއްގެ މަސައްކަތެވެ. ބާ ކޮންޓެއިނަރުތަކެއް ބޭނުންކޮށްގެން، މުޖުތަމަޢުގެ އެތައް ބަޔަކަށް ފައިދާކުރުވަނިވި ޕާކެއް ހެދުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ ކުރީކޮޅު އެޗްޑީސީއިން ފެށިއެވެ. މި ޕާކު ޚާއްސަކޮށްފައި ވަނީ ޒުވާނުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ މީހުންނަށާއި، އަދި އެ ޚިދުމަތްތައް ލިބިގަންނަ ރައްޔިތުންނަށެވެ.

ޕްލޭންގައިވާ ގޮތުން، މި ޕާކުގައި ކޯ-ވޯކިންގ ސްޕޭސް ނުވަތަ ކުދި ވިޔަފާރިއާއި ގުޅުންހުރި މަސައްކަތްތައް، ހިތްހަމަޖެހޭ މާޙައުލެއްގައި ތިބެގެން ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ އުފެއްދުންތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް އާރޓް އެގްޒިބިޝަންތައް ބޭއްވޭނެ ޖާގަވަނީ ކަނޑައަޅާފައެވެ. އަދި ކޮންޓެއިނަރ ޕާކު ފަރުމާކޮށްފައިވަނީ ކެފޭއެއްވެސް ހުންނާނެ ގޮތަށެވެ.

ބޭރަށް ނިކުމެލާ ހިތްފަސޭހަ މާޙައުލެއްގައި ފޮތްކިޔުމަށް ތިބެނޭ ސަރަޙައްދަކާއެކު "ފޮތް ގާޑިޔާ"ވެސް ހުންނާނެއެވެ. ޕާކު ތަރައްޤީކުރަނީ އެ ސަރަޙައްދުގައި ކުދި އަދި މެދު ފަންތީގެ ފިޔަފާރިތަކާއި ގުޅޭ އެކި އެކި ހަރަކާތްތައްވެސް ބޭއްވޭނެ ގޮތަށް ކަމަށް އެޗްޑީސީއިން ހާމަކުރިއެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އނން މި ޕާކު ތަރައްޤީކުރަނީ ހުޅުމާލޭގެ ރެޑް ވޭވް މޯލްގެ ފުރަގަހުގައި އޮންނަ ސަރަޙައްދުގައެވެ. އެޗްޑީސީން ބުނެފައިވަނީ ޕާކުގެ މަސައްކަތް މިދިޔަ ރޯދައިގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މި މަސައްކަތަކީ މާބޮޑު ޚަރަދެއް ނުގޮސް ނިންމާލެވޭނެ ކުޑަ މަސައްކަތެކެވެ. އަދި މަސައްކަތުގެ ބާވަތައް ބަލައި މިއީ ބޮޑު މަޝްރޫޢެކޭވެސް ނުބުނެވޭނެއެވެ. އެހެންކަމަށްވާނަމަ، މި މަސައްކަތަށް ދެ އަހަރު ތިން އަހަރު ނަގާނެ ކަމަކަށް ނުބެލެވެއެވެ.

މި ކޮންޓެއިނަރ ޕާކްގެ މަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. ނަމަވެސް މަސައްކަތް ހުއްޓި، މީހެއްގެ ހިލަމެއް ނުވާތާ ދުވަސްތަކެއް ވެއްޖެއެވެ. ދޭތެރެއަކުން ވަރަށް އަވަހަށް ތަން ހުޅުވާ ވާހަކަވެސް އަޑުއިވެއެވެ. ނަމަވެސް އެކަމަށް ޙަޤީޤީ ކުލައެއް ނުޖެހި މިކަން ދިގުލައިގެން މި ދަނީ ކީއްވެބާއެވެ؟

އާންމު ރައްޔިތުންނާއި، އެތަނުގެ ކެފޭއިން ސައިބޯލަން ބޭނުންވާ މީހުންނާއި، އެތަނުގައި ވިޔަފާރިއެއް ފަށަން ތިބި ޒުވާނުންނާއި، އެތަނުގައި ހަދާ ޕާކުގައި ދުވެލައި ކުޅެލައި ހަދާލަން ބޭނުންވާ ކުޑަކުދިންނާއި، އެތަނުގެ ހިތްފަސޭހަ މާހައުލުގައި ތިބެލާން ބޭނުންވާ ދުވަސްވީ މީހުން އެތަން ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބޭތާ އެތައް ދުވަހެއް ވެއްޖެއެވެ.

ހުޅުމާލެ ކޮންޓެއިނަރ ޕާކް، މިއަދު ނަގާފައިވާ ފޮޓޮއެއް

އެޗްޑީސީ، މިހާރުގެ އާބަންކޯއިން އެތަން ހުޅުވާނެ ކަމުގެ ޔަޤީންކަންވެސް ދެއެވެ. ނަމަވެސް އެތަން ހުޅުވޭ ތަނެއް ނުފެނެއެވެ. މަސައްކަތް ފެށިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ތަނަށް ބަލާލީމާ މިހާރު އެތަން ވީރާނާ ވާން ދޫކޮށްލާފައިވާ ކަމުގެ އިޙްސާސްކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު