12 ފެބުރުވަރީ 2025

ގާސިމަށް ކުރާ އަނިޔާތައް ހުއްޓާލާ! – އަލީ އާރިފް

ރިޔާސީ އިންތިހާބު ކުޑަތަންވެފައި ވަނިކޮށް ސަރުކާރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ކުރާ އަނިޔާތައް ހުއްޓާލުމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ގޮވާލައްވައިފިއެވެ.

ސަލްޓަން ޕާކުގައި ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން އަލީ އާރިފް ވަނީ ރައީސް ޞާލިޙް އަނިޔާވެރި ނުވުމަށް ނަސޭހަތްތެރިވެލައްވާފައެވެ. އަލީ އާރިފް ވިދާޅުވީ ސަރުކާރުން ކިތަންމެ ދަތި ކުރިއަސް ރައްޔިތުން ތިބީ މިއަހަރުގެ ރިޔާސީ އިންތިހާބު އޮނަރަބަލް ގާސިމް އިބްރާހީމަށް ކާމިޔާބު ކޮށްދިނުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ.

އަލީ އާރިފް ވިދާޅުވީ ވެރިކަން ހަވާލުކުރަނީ ރާއްޖެ ވިއްކަން ނޫން ކަމަށް ވިދާޅުވެ ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އަދި ގާނޫނު އަސާސީގެ އެއްބައި ރައީސްއަށް ފެނިވަޑައިގަންނަވާއިރު އަނެއްބައި ފެނިވަޑައިނުގަންނަވަނީތޯ ސުވާލުކުރައްވައި ގާސިމް އިބްރާހީމަށް ކުރާ ކޮންމެ އަނިޔާއަކީ ދިވެހި ރައްޔިތުންނަށް ކުރާ އަނިޔާއެއް ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކަންކަން ކޮށްދެއްވި ބޭފުޅުންނަށް އިހާނަތްތެރި ގޮތްގޮތް ތި ހައްދަވަނީ ހީނުކުރައްވާތި ބާރު ލިބިދޭ ގާނޫނު އަސާސީގެ މާއްދާތައްވެސް މަނިކުފާނާ އަރާހަމަނުކުރާނެޔޭ. " އަލީ އާރިފް

އަލީ އާރިފް ވަނީ މިފަހަރު ވޯޓުލެވޭ ދެލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ކުރިމަތީގައި ރައީސް ގިނިކަންޏާ ކާމިޔާބު ހޯދިދާނެތޯ ސުވާލު އުފައްދަވާފައެވެ. އަދި އެމްޑީޕީ މެމްބަރުންވެސް ރައީސްއަށް ވޯޓު ދީފާނެކަމާއިމެދު އަލީ އާރިފްވަނީ ސުވާލު އުފައްދަވާފައެވެ.

އަންނަ ރިޔާސީ އިންތިހާބު ކުޑަތަންވެފައިވަނިކޮށް ސަރުކާރުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމަށް ކުރާ އަނިޔާތައް ހުއްޓާލުމަށް އަލީ އާރިފް ގޮވާލެއްވިއިރު ވިލާ ކުންފުންޏަށް ދީފައި އޮތް މާލެ އަތޮޅު ވާވެއްދިފަޅު ވިއްކުން، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ސަރުކާރުން ހުއްޓުވާފައިވަނީ އޮންރަބަލް ގާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕެއިނަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް ގިނަ ސިޔާސީ ފަރާތްތަކުން ތުހުމަތުކުރެއެވެ.

އަދި މި މައްސަލައިގައި މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި އޮވެ އެންޓި ކޮރަޕްޝަން ކޮމިޝަނުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ވަނީ ސަރުކާރަށް ފާޑިކިޔުންތައް އަމާޒުކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު