15 ޖަނަވަރީ 2025
ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުގައި ރިޔާސަތު ބަލަހައްޓަވަނީ، ފައިލް ފޮޓ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަސްލަހަތު އިސްކުރީކަމަށް ވިދާޅުވެ ނަޝީދު މަޖިލީހުގެ ރިޔާސަތަށް

ރައްޔިތުންގެ މަސްލަހަތު އިސްކުރައްވަން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލުން ރިޔާސަތާ ހަވާލުވެވަޑައިގެންފިއެވެ.

މިއަދުގެ ޖަލްސާ ފެއްޓެވުމަށް ފަހު އެޖެންޑާ އިއުލާނުކުރެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އެހެން ނަމަވެސް މަޖިލިސް ހުއްޓިފައި އޮތް އޮތުމަކީ އެމަނިކުފާނާއި މަޖިލީހުގެ ނައިބުރައީސް އީވާގެ އިތުބާރު ނެތް މައްސަލަ އެއް ފަހަރާ ހުށަހެޅުމުން ވީ ގޮތެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާތުކުރެއްވިއެވެ.

އަޅުގަނޑު މިއަދު މިތަނުގައި ރިޔާސަތު ބަލަހައްޓަން މިއިނީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ އުޒުރުތަކަށް ވުރެން އަދި މާ މަތީ މަސްލަހަތެއް އަޅުގަނޑު އެބަ ހިފަހައްޓާންޖެހޭ. އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތު.

– ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ 54 މެންބަރުންގެ ސޮއިއާ އެކު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައި ވަނީ މި މަހު 7 ގައެވެ. އޭގެ ފަހުން ބޭއްވި އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ.

މި މައްސަލަ ކުރިމަތިވެފައި ވަނީ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސްގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ކަމަށާއި އެކަން ހައްލު ކޮށްދިނުމަށް މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީން އެހީތެރިވެފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އަަޅުގަނޑު ދުށީ މިއީ އަޅުގަނޑުގެ ވާޖިބެއް ކަމަށް.

– ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގައި މިއަދު އެޖެންޑާ ކޮށްފައި ވަނީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލް ކުރެވޭ ނިސްބަތަށް ބަދަލު ގެނައުމާ މެދު މާދަމާ ބަހުސް ކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަތުމަށްފަހު މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަން ނަޝީދު ހަވާލު ކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށެވެ. އެކަމަކު، އެގޮތަށް ކަނޑައަޅާ މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް ގަވާއިދުގައި ބުނެފައި އޮވެ އެވެ. އަފީފު ވަނީ އޭގެ ފަހުން ތިން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު