ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފަސް ކަމެއް ނިންމާފައި ނޫނީ މަޖިލިސް ޗުއްޓީއަށް ނުދާ ގޮތަށް ދައުރު ދަންމައިލަން އެމްޑީޕީން ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބޭއްވި އޮތުމަށްފަހު މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްކުރުމަށް ބަހުސްކުރުމެވެ. ނަމަވެސް ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި، ވަކި ޕާޓީއަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލްކުރައްވާނެ ގޮތެއް ނިންމެވުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައިކަމަށް މަޖިލީހުގެ އެޖެންޑާގައި ކަނޑައަޅާފައިވެއެވެ.
މި މައްސަލައަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގައި އެޖެންޑާކޮށް ބަހުސްކުރެވޭ މަސައްކަތްތެއް ނިމިއްޖެނަމަ ވޯޓަށް އަހަން ވާނެކަމަށް މަޖިލީހުގެ ޤަވާއިދު ބަޔާންކުރާކަމަށެވެ. މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާއަކީ މިދައުރުގެ ފަހު ޖަލްސާއެވެ. އަދި މަޖިލީހުގެ ތިންވަނަ ދައުރު ފެށޭނީ އަންނަ އޯގަސްޓްމަހުގެ 16 ވަނަ ދުވަހުއެވެ.
އެހެންކަމުން އަސްލަމް ވަނީ ކޮމިޓީތައް އެކުލަވާލާ ގޮތަށް ވޯޓަށް ނާހައި މަޖިލިސް ޗުއްޓީއަށް ދިއުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަސްލަމް ވަނީ އިތުރު ޖަލްސާއެއް ބާއްވައިގެން ނަމަވެސް، މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުށައަޅުއްވާފައެވެ. އަސްލަމް ވިދާޅުވީ މަޖިލިސް ޗުއްޓީގައި އޮންނަ ދުވަސްވަރުވެސް މަޖިލީހުގެ މުހިންމު މަސައްކަތްތައް ކޮމިޓީތަކުގައި ކުރެވެމުންދާކަމަށެވެ. އެހެންކަމުން މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ކޮމިޓީތައް އެކުލަވާލުމުގެ މުހިންމުކަން އަސްލަމް ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ޕާޓީތަކާއި އަމިއްލަ މެމްބަރުން ތަމްސީލުކުރައްވާނެ ގޮތް އަލުން އެކުލަވާލެއްވުމަށް ނިންމެވީ، އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގަތުމާއި ގުޅިގެން، މަޖިލިހުގެ ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލާއި ގުޅިގެންނެވެ.
ނިންމަން އެދުނު މައްސަލަތައް:
1. ކޮމިޓީތައް އެކުލަވައިލުމުގެ މައްސަލަ
2. އޭޖީ އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރު ޝާހިދު ވަކިކުރުމުގެ މައްސަލަ
3. މަޖިލީހުގެ ގަވައިދު ބަދަލުކުރުމުގެ މައްސަލަ
4. އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުން
5. މަޖިލީހުގެ ރައީސާއި ނައިބުރައީސް ވަކިކުރުމުގެ މައްސަލަ
ކޮމިޓީތަކުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި އޮތުމުން، ކޮމިޓީތަކުން ނިންމަންޖެހޭ ބައެއް ކަންކަމާއި މުހިއްމު އެހެން ބައެއް މަސައްކަތްތައްވެސް ވަނީ ހުއްޓިފައެވެ. މިގޮތުން މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާނެ ގޮތާއި ގުޅޭގޮތުން އާއްމު ކޮމިޓީން ގޮތްތަކެއް ކަނޑައަޅަންޖެހޭއިރު، އެ ކޮމިޓީ ނުބޭއްވޭތީ އެކަމުގައި ގޮތްތަކެއް ނުނިމި، އިތުބާރު ނެތްކަމުގެ މައްސަލަތައް އޮތީ މަޑުޖެހިފައެވެ. މަޖިލީހުގައި ދާއިމީ 17 ކޮމިޓީ އޮވެއެވެ.