15 ޖަނަވަރީ 2025

ބޮޑު ޗުއްޓީއަށް ސްކޫލްތައް ބަންދުވީ. ދެން ސްކޫލްތައް ހުޅުވޭނީ ދޮޅު މަސް ދުވަސް ފަހުން

މިއަދު ސްކޫލްތަކުން ރިޕޯޓު ފޮތްދިނުމާއެކު ސްކޫލުތަކުގެ ބޮޑު ޗުއްޓީ ފެށުނީއެވެ. ދެން ސްކޫލްތައް ހުޅުވޭނީ ދޮޅު މަސް ދުވަސް ފަހުންނެވެ.

ރިޕޯޓް ފޯމް ލިބުނު އިރު ބައެއް ދަރިވަރުންގެ މޫނު މަތިން ފެނިގެން ގޮސްފައިވަނީ އެހާ އުފާވެރިކަމެއް ނޫނެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި ގިނަ ދަރިވަރުންގެ މޫނު މަތިން ފެނިގެންދަނީ އުޖާލާ ކަމެވެ.

ހުރަވީ ސްކޫލަށް ދަރިވަރަކު ލާން ގޮސް ހުރި ބެލެނިވެރިޔަކު ސިފަ ކުރި ގޮތުގައި، އޭނާގެ ދަރިފުޅު މިއަދު ހުރީ ވަރަށް އުފަލުންނެވެ. އެއީ އޭނާގެ ނަތީޖާވެސް ރަނގަޅުވެފައި މުޅި ޗުއްޓީ އެއްކޮށް ހޭދަކޮށްލަން އޭނާގެ ރަށަށް ދެވޭތީ ކަމަށެވެ.

ދަރިވަރުން ޗުއްޓީއަށް ދާއިރު ވިސްނަންވީ، މިއަހަރުގެ ނަތީޖާ ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް އަންނަ އަހަރަކީ މިއަށްވުރެ މާ އުޖާލާ އަހަރަކަށް ވާނެ ކަމަށެވެ. ބުރަ މަސައްކަތްކޮށް ރަނގަޅު ނަތީޖާއެއް ނުލިބުމުން ހަމަ ކޮންމެ ކުއްޖަކުވެސް ދެރަވާނެއެވެ. ނަމަވެސް އަބަދުވެސް އުއްމީދު އާލާ ކުރަންޖެހޭނީ މާދަމާ އަށެވެ. އެކި ކުދިން ކިޔެވުމަށް ހުންނަ ޝައުޤުވެރިކަމާއި، ތޫނުފިލިކަން ހުންނާނީ އެކި މިންވަރަށެވެ، އެކަމަކީ ޤަބޫލު ކުރަންޖެހޭ ޙަޤީޤަތެކެވެ. ބުއްދިވެރިންނަކީ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކީވެސް އިމްތިޙާނެއް ކަމުގައި ބަަލައިގަނެ، މުސްތަޤްބަލަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރާ މީހާއެވެ. އާ ޢަޒްމަކާއި އާ އުންމީދަކާ އެކު އާ ޖޯޝެއްލައި މަސައްކަތް ފެށުމަކީ ކުރިއަށް އޮތްތަަނުގައި ރަގަޅު ނަތީޖާއަކަށް ވާސިލުވުމަށް ކޮށާލެވޭނެ ރާސްތާ މަގެކެވެ.

ދަރިވަރުން ހިތްހަމަ ޖައްސާލާ އުފާކޮށްލާ ހަދާލަން ހިތްގައިމު ދުވަސްތަކެއް ލިބުމަކީ، އަންނަ ދިރާސީ އަހަރަށް ކުދިންގެ ސިކުނޑިތައް ތާޒާކޮށްލަން ލިބޭ ރަނުގެ ފުރުޞަތެކެވެ. މުޅި އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބުރަކޮށް އުޅުމަށްފަހު، މި ގޮތަށް ދުވަސްތަކެއް ލިބިގެން ދިއުމަކީ މުހިއްމު ކަމެކެވެ.

ސްކޫލްތަކުގެ ކިޔެވުން ބަންދުވިޔަސް، މިހާރު ސްކޫލްތައް ބަންދުވާ ދުވަސްވަރަކީ އެހާ ރަގަޅު ދުވަސްވަރެއްކަމަކަށް ނުވެއެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރުކަމަށް ވެފައި ކަނޑުގަދަވެ، ވާރޭވެހި މޫސުން ގޯސްވާ ދުވަސްވަރު ކަމުން މިކަމުގައި ބެލެނިވެރިން ކުރާ ޝަކުވާ މަދެއް ނޫނެވެ. ވޭތެވެދިޔަ އަހަރުގެ ސްކޫލް ބަންދުވެސް ތަޖްރިބާ ކުރެވިފައިވަނީ އެ ގޮތަށެވެ. ބައެއް ބެލެނިވެރިން ފާހަގަކުރާ ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރުު ކުުރުމަށް ދަތިވެއެވެ. ރަށަށް ގޮަސް ތިބޭއިރު މޫސުން ގޯސްވެ ކަނޑު ގަދަވީމައި، ރަށަކަށް ޕިކްނިކް ދަތުރު ގޮސްލާ ހަދާލަން އެހާ ފަސޭހައެއް ނޫނެވެ.
ކަންމިހެން އޮތް ކަމުގައިވިޔަސް، ސްކޫލް ބަންދުވުމުން ކުދިންނަށް އުފާވެރިކަން ލިބޭނެއެވެ. އެކުދިންގެ ރަޙްމަތްތެރިންނާއި އާއިލާއާކު ވަގުތު ހޭދަކޮށްލަން ފުރުޞަތެއް ލިބިގެން ދިޔުމަކީ ހަމަގައިމުވެސް އެ ކުދިންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު