ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު މިމަހުގެ ތެރޭގައި ޢާންމު ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް މިދިޔަ އަހަރުތެރޭގައި ހުޅުވާލި ފުރުސަތުގައި 35000 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. އަދި އެ މީހުންގެ ފޯމްތައް މިހާރު ދަނީ ދިރާސާކުރަމުންނެވެ.
މިމަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާ ފަދައިން މިމަހުގެ ތެރޭގައި ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު ޢާއްމުކުރައްވާނެކަމަށެވެ. އަދި އެކަމަށްޓަކައި ލިސްޓުތައް ފައިނަލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް އެނާ ވިދާޅުވިއެވެ.
އަދި މިއަދު މިކަމުގައި ސީދާ ރައީސް ޞާލިހު ކޮމެޓީއާއި ބައްދަލު ކުރާނެކަމަށެވެ. ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު މިމަހުގަިއ އިއުލާން ކުރާނެކަމަށް މިއުވާން ވިދާޅުވިއެވެ. އަދި އެކަން ފްލެޓް ކޮމެޓީން ރައްޔިތުންނާއި ހިއްސާ ކުރާނެކަމަށެވެ. ނަމަވެސް އެއީ ކޮން ދުވަހެއްގައި ކަމެއް މިއުވާން ވިދާޅެއް ނުވެއެވެ.
ސަރުކާރުން ހުޅުވާލި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް 35000 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. މީގެތެރެއިން 14000 އަށްވުރެ ގިނަ މީހުން ވަނީ ފްލެޓަށް އެދި ފޯމު ހުށައަޅާފައެވެ. މިފްލެޓުތަކުގައި 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނެއެވެ.
"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ. މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ގުޅީފަޅުންނެވެ.