ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފަސް ކަމެއް ނިންމާފައި ނޫނީ މަޖިލިސް ޗުއްޓީއަށް ނުދާ ގޮތަށް ދައުރު ދަންމައިލަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ހުށަހެޅުއްވި ހުށަހެޅުން ބަލައި ނުގަނެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބޭއްވި އޮތުމަށްފަހު މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްކުރުމަށް ބަހުސްކުރުމެވެ. ނަމަވެސް ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި، ވަކި ޕާޓީއަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލްކުރައްވާނެ ގޮތެއް ނިންމެވުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައިކަމަށް މަޖިލީހުގެ އެޖެންޑާގައި ކަނޑައަޅާފައިވެއެވެ.
މިޖަލްސާގައި އޮތީ މިމައްސަލައަށް ހަމައެކަނި ބަހުސް ކުުރުމެވެ. މަޖިލިސް ރައީސް ވަނީ މިމައްސަލާގައި ވާހަކަ ދައްކަވަން އެދުނު ހުރިހާ މެމްބަރުންނަށް ފުރުސަތު ދެއްވުމަށްފަހު ޖަލްސާ ނިންމާވާލައްވާފައެވެ.
ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތަށް ނިމުނީކަމަށެވެ. އަދި މަޖިލިސް ޗުއްޓީއަށް ދިޔަކަންވެސް ރައީސް ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ.
މަޖިލީހުގައި މިއަދު އެޖެންޑާ ކޮށްފައި ވަނީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލް ކުރެވޭ ނިސްބަތަށް ބަދަލު ގެނައުމާ މެދު މާދަމާ ބަހުސް ކުރުމެވެ.
ބަހުސަށް ފަހު އިސްލާހު ހުށަހެޅުމަށް މުއްދަތެއް ދިނުމާއި އެ އިސްލާހުތަކަށް ވޯޓަށް އެހުން ދެންް އޮންނަ ޖަލްސާއެއްގައި އޮންނާނެ ކަމަށް އެޖެންޑާގައި ބުނެފައިވެއެވެ.