އިތުބާރު ނެތް މައްސަލައިގެ ނޯޓިސްގައި ދީފައިވާ 14 ދުވަހުގެ މުއްދަތު ހަމަވާ ދުވަސް ކަމަށްވާ، މިމަހުގެ 26 ވަނަ ދުވަހު، މ. މުރައިދޫގެއިން ގ. ބޭރުވެލި ގެއަށް ބަދަލުވާނެކަން ނަޝީދު ރައްޔިތުންގެ މަޖިލިހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް އަންގަވައިފިއެވެ.
އަމީން އާންމަށް އެޑްރެސް ކުރައްވާ، ނަޝީދުގެ ޗީފް އެގްޒަކަޓިވް އަހުމަދު މައުސޫމް ނިއުޝާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މިމަހުގެ 26 ވަނަ ދުވަހު މުރައިދޫގެ ނަޝީދު ދޫކުރައްވާނެކަން އަމީން އާންމަށް ދަންނަވަން ނަޝީދު އެދިވަޑައިގެންފައިވާކަމުގައެވެ.
އަދި މިކަމާއި ގުޅިގެން އަންގަވަންޖެހޭ ދައުލަތުގެ ފަރާތްޕުޅުތަކަށް ވެސް އަންގަވައި ދެއްވުމަށް ދަންނަވަންވެސް ވިދާޅުވިއެވެ. އަހުމަދު މައުސޫމު މަޖިލިސް އަމީންއާންމަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީގައި އެދިވަޑައިގެންނެވިއެވެ.
ނަޝީދުގެ ދިރިއުޅުއްވުން މުރައިދޫގެއަށް ބަދަލު ކުރެއްވީ 2021 ވަނަ އަހަރުގެ މޭމަހު ދެވުނު ހަމަލާއަށްފަހު ސަލާމަތީ ސަބަބުތަކަށްޓަކާ މަޖިލިސް ރައީސް ހުންނަވާނެ ވަކި ގެއެއް ބޭނުންވާނެކަމަށް ސަލާމަތީ ފަރާތްތަކުން ލަފާ ދެއްވުމާއި ގުޅިގެންނެވެ.
މުރައިދޫގެ އަކީ މަޖިލީހުގެ ރައީސަށް ހާއްސަކުރާ ވަގުތީ ގެކޮޅު ކަމަށް ވަނީ ހަމަޖައްސާފައެވެ. މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ގެކޮޅު ހަމަޖައްސަން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހު ދިން ނިރުބަވެރި ހަމަލާއަށް ފަހުއެވެ. އެ ހަމަލާގެ ކުރިން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ، އަމިއްލަ ގެކޮޅު ކަމަށްވާ ގ. ކެނެރީގޭގައެވެ.