އެމްޑީޕީ މި ނިމުނީ، މިވެރިކަން ފަސޭހަ ކަމާއިއެކު ބަލިކުރާނަން: އީވާ

ރާއްޖޭގެ ޑިމޮކްރަސީގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެމްޑީޕީން އެޕާޓީގެ އަސާސްތައް ދޫކޮށްލި ހިސާބުން އެމްޑީޕީދެކެ މީހުން ފޫހިވެފައިވާކަމަށާއި، ރައީސް ނަޝީދު އެމްޑީޕީން އިއްޔެ ވަކިވުމަކީ އެމްޑީޕީގެ ނިމުން ކަމުގައި އެމަނިކުފާނުގެ ދެބެއިންގެ ދެދަރި ކޮއްކޮ އީވާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވަނީ އިއްޔެ އަކީ ރައީސް ނަޝީދަށް ހިތްދަތި ދުވަހަކަށް ނުވާނެކަމަށެވެ. އިއްޔަވާނީ ރައީސް ނަޝީދާއި ރާއްޖޭގެ ޑިމޮކްރަސީއަށް މަސައްކަތް ކުރާ ބޭފުޅުންނަށް އުފާވެރި ދުވަހަކަށް ކަމަށް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ އަންނަ އަހަރު އެމްޑީޕީއާއި ހަވާލުވެ ހުންނާނީ ޗެއާމަން ޖާބިރުކަމަށް ވުމަކީވެސް ދުރު ކަމެއް ނޫންކަމަށެވެ.

އަޅުގަނޑަށް ލަފާކުރެވެނީ އަންނަ އަހަރު މި ދުވަސްކޮޅު ބަލާލާއިރު، އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުގެ ޗެއާމަން ކަމުގައި ހެން.

– އީވާ ވިދާޅުވިއެވެ.

އީވާ އިޝާރާތްކުރެއްވީ ރާއްޖޭގައި އޭރު އޮތް އެންމެ ބޮޑު ޕާޓީ ޑީއާރުޕީ ފަނޑުވަމުން ގޮސް، އެ ޕާޓީ އުވާލުމާ ހަމައަށް އެ ޕާޓީގެ ޗެއާމަންގެ ގޮތުގައި ޖާބިރު ހުންނެވި މާޒީއަށެވެ. އީވާ ވިދާޅުވީ ރައީސް ޞާލިހު ރިޔާސީ އިންތިޚާބު ކާމިޔާބު ވިސްނުމަކީވެސް ގޯހެއްކަމަށެވެ. އެމްޑީޕީ ދެބައިވެ، ސިޔާސީ މަސައްކަތެއް ކުރާނެ ގޮތް ހުސްވަމުންދާއިރު ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އީވާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިވެރިކަން ބަލި ކުރުމަށް ކޯލިޝަން ހަދަންޖެހުނު ކޮންމެ ބަޔަކާއި، ކޮންމެ މީހަކާއި ކޯލިޝަން ހަދާނެކަމަށެވެ. އެއީ ޕީޕީއެމް ޕީއެންސީ ކަމަށްވާނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އެއްވަނަ ބުރު ދެވަނަ ބުރު ކިޔާނެ ކަމެއްނެތް. މިވަރަށް ބަލިވާ އަތަށް އަޅާލީމާ ފައިސާ ބަހަންދޭ މީހުންވެސް އެފައިސާ ނުބަހާނެ. އެފައިސާ ބަހާދޭ މީހުން ބަޗާނެ. ރައީސް ޞާލިހުވެސް ބަޗާނެ. މަގުމަތިވާނީ ފަހަތުން އުޅުއްވާ ބޭފުޅުން. ރައީސް ޞާލިހު އިންނަވާނީ ކޮޅުބުގެ ކޮންމެވެސް ގެއެއްގައި ފައިސާ ފޮއްޗަކާއިއެކު.

– އީވާ ވިދާޅުވިއެވެ.

އީވާ މިހެން ވިދާޅުވި މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު ދަ ޑިމޮކްރެޓްސް އާއި ގުޅިގެން މިވެރިކަން ބަދަކު ކުރުމުގެ މަސައްކަތް ކުރާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ތާއީދު ކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ