ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލާ ނިމެންދެން، މިދައުރުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ މެންބަރުން އެދިވަޑައިގެންފައިވަނިކޮށް، ޖަލްސާތައް ނިންމާލައްވާތީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ތަރުޖަމާން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ޖަލްސާ ބޭއްވުމަށް މިއަދު އެދި މަޖިލީހަށް ހުށަހަޅާފައިވާކަމަށެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދައުރުން ބޭރު ޖަލްސާއެއް ހުށަހެޅުމަށް މަޖިލީހުގެ 3 ބައި ކޮށްފަ 1ބައި މެމްބަރުންގެ ސޮޔާއިއެކު މަޖިލީހަށް ހުށަހެޅުމުން އެޖަލްސާ 14 ދުވަސްތެރޭގައި ބާއްވަން ޖެހެއެވެ. 14 ދުވަސް ގުނާނީ ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ.
ޝަފީގު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ސީދާ ހުރަސް އަޅުއްވައި ގޮތްދޫ ނުކުރަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. މިއަދުވެސް މަޖިލިސްގައި ހުރި އިތުބާރު ނެތް މައްސަލަތަކާއި، އެނޫންވެސް މައްސަލަތައް އެޖެންޑާ ނުކުރައްވާ ސަބަބާއި ގުޅޭގޮތުން ސުވާލު ކުރެއްވުމުންވެސް މަޖިލިސް ރައީސް ޖަވާބެއް ދެއްވާފައި ނުވާކަމަށެވެ.
މިކަމާއި ގުޅިގެން މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގައި އެޖެންޑާކޮށް ބަހުސްކުރެވޭ މަސައްކަތެއް ނިމިއްޖެނަމަ ވޯޓަށް އަހަން ވާނެކަމަށް މަޖިލީހުގެ ޤަވާއިދު ބަޔާންކުރާކަމަށެވެ. އަސްލަމް ވަނީ ކޮމިޓީތައް އެކުލަވާލުމަށް ވޯޓަށް ނާހައި މަޖިލިސް ޗުއްޓީއަށް ދިއުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
އަސްލަމް ވިދާޅުވީ މީގެ ކުރިން މަޖިލިސް ޗުއްޓީގައި އޮންނަ ދުވަސްވަރުވެސް މަޖިލީހުގެ މުހިންމު މަސައްކަތްތައް ކޮމިޓީތަކުގައި ކުރެވެމުންދާކަމަށެވެ. އެހެންކަމުން މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ކޮމިޓީތައް އެކުލަވާލުމުގެ މުހިންމުކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަސްލަމްގެ އިތުރުން މަޖިލީހުގެ އެމްޑީޕީގެ އެހެން މެންބަރުންވެސް އެދިވަޑައިގަތީ އެގޮތަށެވެ.
އިތުރު ޖަލްސާއެއް ބާއްވައިގެން މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަސްލަމް ހުށައެޅުއްވި ނަމަވެސް އިތުރު ޖަލްސާއެއް ބޭއްވުމަށް ރިޔާސަތުން ނުނިންމަވައެވެ. މަޖިލިސް ޗުއްޓީއަށް ދިޔަނަމަވެސް، ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް އެދުމަށް މަޖިލީހުގެ ޤަވާއިދު ހުރަހެއްނެތެވެ.