ރައްޔިތުންގެ މަޖިލިސް ރަނގަޅަށް މަސައްކަތް ނުކުރާތީ ހައްގުތައް ހޯދަން ރައްޔިތުންނަށް ހުރަސްއެޅޭ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މިއަދު ފާޑުކިޔައިފިއެވެ.
މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގޮސް، މަޖިލިސް ހުއްޓިފައި އޮތުމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ވިދާޅުވީ މަޖިލީހަކީ ރައްޔިތުންގެ ހައްގުތަކާއި ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް މަތިކުރެވިފައިވާ މުއައްސަސާއަކަށްވުމުން މަޖިލީހުގެ މަސައްކަތް ހުއްޓުމަކީ އެޗްއާރުސީއެމްގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އަދި މިއީ ޤާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރުކުރުމަށް އެޅޭ ހުރަހެއްކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ވިދާޅުވިއެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ މަޖިލީހަކީ ދައުލަތުގެ އެހެން މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް އޮންނަ މުއައްސަސާއަށްވާއިރު، އެތަނުގެ މަސައްކަތް ހުއްޓުުމުން އެއް ބާރު އަނެއް ބާރަށް ފާރަވެރިވެ، ޖަވާބުދާރީކުރުވުމަށް އޮތް ހުރަހެއްކަމަށްވެސް ވިދާޅުވިއެވެ.
އަދި މަޖިލިސް ހުއްޓުމަކަށް އައުމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅުންހުރި މަސައްކަތްތަކާއި އިލެކްޝަންސް ކޮމިޝަނަށް މެމްބަރެއް އައްޔަންކުރުމުގެ މަސައްކަތްވެސް ކުރިއަށް ނުގެންގޮސް، މަޖިލިސް ޗުއްޓީޢަށް ދިއުމަކީ އިލެކްޝަންސްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި އެޗްއާރުސީއެމްއިން ފާހަގަކުރެއެވެ.
އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކީ އިންސާނީ ހައްގުތަކާއި ގުޅުންހުރި ޤާނޫނީ ނިޒާމް އެންމެ ފުރިހަމައަށް ހިނގަމުންދިއުމަށް އެޅިގެންދިޔަ ހުރަހެއްކަމަށްވެސް އެޗްއާރުސީއެމްއިން ކަންބޮޑުވުން ފާޅުކުރައްވައި ނެރުއްވި ބަޔާނުގައިވެއެވެ.