Thursday, 18 April 2024

ދުވާފަރު ކައުންސިލަރުންނަށް ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުމެއް!

ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގައި ހިމެނޭ 7 މީހެއްގެ މައްޗަށް ދަޢުވާކުރުމުގެ ބަދަލުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ދުވާފަރު ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތްތަކާ ޚިލާފަށް ކައުންސިލުގެ މެންބަރުންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނަށާއި، މުވައްޒަފުންނަށް ގިނަ ޢަދަދެއްގެ ފައިސާ ޙަވާލުކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 12 މީހެއްގެ މައްސަލަ ތަޙުޤީގުކޮށް، ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާއަށްފަހު، 8 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް މިއަހަރުގެ މާރިޗުމަހުގެ ތެރޭގައި އޭސީސީއިން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

މި މައްސަލައިގައި ތުޙުމަތުކުރެވޭ މީހުން:

1. ރ. ކަނދޮޅުދޫ، ދޯރެންސީވިލާ، ޙަސަން ޙަކީމް
2. ރ. ދުވާފަރު، ޒަމާނީގެ، އިޒްމީލް އަޙްމަދު
3. ރ. ކަނދޮޅުދޫ، ނިޔާމަ، ޒުހުދާ އާދަމް
4. ރ. ކަނދޮޅުދޫ، ދިލްސާދުގެ، އާމިނަތު ޞަލާޙު
5. ރ. ދުވާފަރު، ވިލެޖް، މުޙައްމަދު ޝާމް
6. ރ. ކަނދޮޅުދޫ، ހުސްނުހީނާގެ، މުޙައްމަދު ނާޞިޙް
7. ރ. ކަނދޮޅުދޫ، ރިހިތަޅާގެ، މުޙައްމަދު ޢަލީފުޅު

ޕީޖީ އޮފީހުން ވިދާޅުވީ، މި މީހުން ތަޙުޤީޤުގައި އިޢުތިރާފުވެ، އެ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވާކަމަށެވެ. އަދި މިކަމުގައި ޕީޖީ އޮފީހުން ރިޢާޔަތްކުރި ކަންކަމުގެ ތެރޭގައި ތުހުމަތުކުރެވޭ މީހުންގެ ކުށުގެ ރެކޯޑާއި، މައްސަލާގައި ކަން ހިނގާފައިވާގޮތާއި، ކުށުގެ ޢަމަލުގައި ބައިވެރިވުން އޮތް މިންވަރަށް ބަލާފައިވާކަމަށެވެ. އަދި ތުހުމަތުކުރެވޭ ފަރާތްތަކުން އަދާކުރަމުންދާ ޒިންމާތަކާއި، ދައުލަތަށް ޚިދުމަތް ކޮށްދީފައިވާ މުއްދަތާއި، ދައުލަތަށް ބަދަލު ލިބިފައިވުމާއި، މައްސަލާގައި ދަޢުވާއެއްކޮށް ކުރިއަށް ގެންގޮސްފިނަމަ ކަނޑައެޅިދާނެ އަދަބަށް ރިޢާޔަތްކޮށްފައިވާނެކަމަށްވެސް އެ އޮފީހުން ވިދާޅުވެއެވެ.

މި އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ކުށުގެ ދަޢުވާ އުފުލޭނެކަން މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ.

ރ. ދުވާފަރުން ހިންގި ކޮރަޕްޝަންގެ މައްސަލައާއި ގުޅޭގޮތުން އެލްޖީއޭއިން ޢާންމުކުރި ރިޕޯޓްގައިވަނީ ކައުންސިލްގެ ތެރޭގައި ނަހަމަ ގޮތުގައި ކޮށްފައިވާ ފައިސާގެ މުޢާމަލާތްތައް ހާމަކޮށްފައެވެ. އެގޮތުން ޒަކާތު ފައިސާއަށް ޚިޔާނާތްތެރިވުމާއި، ބިޑް ކުރުމާއި ނުލާ ކައުންސިލްގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް މަސައްކަތްތައް ހަވާލުކުރުމާއި، ލިޔެކިޔުން ނެތް ފައިސާގެ އެތައް މުޢާމާލަތްތަކެއް ކޮށްފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *