ރާއްޖޭން ބޫޓާންގެ މައްޗަށް ކުރިހޯދައިފި

އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ބޫޓާން އަތުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ރާއްޖޭން ވަނީ ލީޑުނަގައިފަ އެވެ. މިއީ ޕެނަލްޓީ އަކުން ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލެކެވެ. މިއީ، ހަމްޕު ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހިފައިގެން ބޫޓާންގެ އޭރިއާތެރެއަށް ވަނުމުން އޭނާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެެކެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ބޫޓާންގެ ޓެޝެލް ޓަރަމް ލަނޑު ޖެހި ނަމަވެސް ރެފުރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޑޯރްޖީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ވެސް ރާއްޖޭގެ ކީޕަރު ހުސެއިންއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ބޫޓާނުން ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މި ހާފުގެ ކުރީކޮޅު ރާއްޖެއަށް މާކަ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

އެކަމަކު މެޗުގެ 58 ވަނަ މިނެޓުގައި ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ބޫޓާނުގެ އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ސެންޓޭ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބޫޓާންގެ ކީޕަރު ޓުޝްރިންގް ޑެންޕުޕްއެވެ. އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ރާއިފް އަޙްމަދު (ހަންނަ) އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި މެޗުގެ 85 ވަނަ މިނެޓުގައި ރާއްޖޭގެ ނާއިޒް ހަސަން (ދާދު) ބޫޓާންގެ ގޯލު ކުރިމަތިން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ 88 ވަނަ މިނެޓުގައި ބޫޓާންގެ ޓެޝެލް ޓްރިމް ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ރާއްޖެއިން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު ޖެހީ މެޗުގެ ފަހު މިނެޓުގައި ދާދުއެވެ. މިއީ ބޫޓާންގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ނާއިޒް ހަސަން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ އިތުރު ވަގުތުގައި ރާއްޖޭގެ ހަންނައަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައިފައެވެ. ހަންނައަށް ދެވަނަ ރީނދޫ ކާޑު ދެއްކީ މެޗު ލަސްކުރިކަމަށް ބަލައިފައެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ބީގައި ދެން ހިމެނެނީ ބޫޓާން، ލުބުނާން އަދި ބަންގްލަދޭޝްއެވެ. ރާއްޖެއިން މި މުބާރާތުގެ ދެވަނަ މެޗުގައި ނުކުންނަން ޖެހޭނީ ބަންގްލަދޭޝް އާއި ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު ރާއްޖެ ގަޑިން 15:00 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު