8 ފެބުރުވަރީ 2025

ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްތެރިވީމަ އަދަބު ލިބެންޖެހޭ – ނާދިރާ

ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްތެރިވީމަ އަދަބު ލިބެންޖެހޭކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ނައިބު ރައީސާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިހެން ވިދާޅުވީ އޭނާ މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

"ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްތެރިވީމަ އަދަބު ލިބެންޖެހޭ. އަނބުރާ ފައިސާ ދައްކަން ޝަރުޢީ މަރުޙަލާ މެދުވެރިކޮށް އަންގަންޖެހޭ. ޚިޔާނަތްތެރިވީމަ ރައްޔިތުންނަށް ޚިދުމަތްކުރާކަށް ކައުންސިލް މެންބަރުންގެ ގޮތުގައި ތިބެގެންނުވާނެ." ނާދިރާގެ ޓުވިޓްގައި ވިދާޅުވިއެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވަނީ، ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގައި ދަޢުވާކުރުމުގެ ބަދަލުގައި، ނަސޭހަތުގެ އެއްބަސްވުމެއް ހަދައި، އެ މައްސަލަ ޝަރީޢަތަށް ނުފޮނުވަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމެވުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ހާމަކުރައްވައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ބުނީ، ދުވާފަރު ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތްތަކާ ޚިލާފަށް ކައުންސިލްގެ މެންބަރުންގެ ޕާސަނަލް އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނަށާއި، މުވައްޒަފުންނަށް ގިނަ ޢަދަދެއްގެ ފައިސާ ޙަވާލުކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، ދަޢުވާކުރުމުގެ ބަދަލުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާކަމަށެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ މީހުން:

  1. ރ. ކަނދޮޅުދޫ، ދޯރެންސީވިލާ، ޙަސަން ޙަކީމް
  2. ރ. ދުވާފަރު، ޒަމާނީގެ، އިޒްމީލް އަޙްމަދު
  3. ރ. ކަނދޮޅުދޫ، ނިޔާމަ، ޒުހުދާ އާދަމް
  4. ރ. ކަނދޮޅުދޫ، ދިލްސާދުގެ، އާމިނަތު ޞަލާޙު
  5. ރ. ދުވާފަރު، ވިލެޖް، މުޙައްމަދު ޝާމް
  6. ރ. ކަނދޮޅުދޫ، ހުސްނުހީނާގެ، މުޙައްމަދު ނާޞިޙް
  7. ރ. ކަނދޮޅުދޫ، ރިހިތަޅާގެ، މުޙައްމަދު ޢަލީފުޅު

މި މީހުން ތަޙުޤީޤުގައި އިޢުތިރާފުވެ، ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވެއެވެ. މިކަމުގައި އެ އޮފީހުން ރިޢާޔަތްކުރި ކަންކަމުގެ ތެރޭގައި ތުހުމަތުކުރެވޭ މީހުންގެ ކުށުގެ ރެކޯޑާއި، މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި، ކުށުގެ ޢަމަލުގައި ބައިވެރިވުން އޮތް މިންވަރާއި، ތުހުމަތުކުރެވޭ ފަރާތްތަކުން އަދާކުރަމުންދާ ޒިންމާތަކާއި، ދައުލަތަށް ޚިދުމަތް ކޮށްދީފައިވާ މުއްދަތާއި، ދައުލަތަށް ބަދަލު ލިބިފައިވުމާއި، މައްސަލާގައި ދަޢުވާއެއްކޮށް ކުރިއަށް ގެންގޮސްފިނަމަ ކަނޑައެޅިދާނެ އަދަބަށް ރިޢާޔަތްކޮށްފައިވާނެކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.

ޕީޖި އޮފީހުން ބުނީ، މި އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ކުށުގެ ދަޢުވާ އުފުލޭނެކަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެކަމަށެވެ.

ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގައި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވީ މާޗް މަހުގެ ތެރޭގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު