އެމްއާރްއެމް އުވާލުމުގެ މައްސަލައިގައި ނެރުނު ވަގުތީ އަމުރު، އީސީއިން އެދުނު ގޮތަށް މުރާޖަޢާކުރެވޭކަށް ނެތް – ސިވިލް ކޯޓް

އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމަށް އެ ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސާލުމަށް، ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މުރާޖައާކުރުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން، އިލެކްޝަންސް ކޮމިޝަނުން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފިއެވެ.

ސިވިލް ކޯޓުން މިހެން ނިންމާފައިވަނީ، އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމަށް ނިންމަވާފައިވާ ނިންމެވުމަށް ޢަމަލުކުރުން ފަސްކުރުމަށް އަމުރުކޮށް، އެމްއާރްއެމް އުވާލުމުގެ ގޮތުން އެއްވެސް މަސައްކަތެއް ނުވަތަ ކަމެއް ނުކުރުމަށާއި، ޝަރީޢަތުން ފައިޞަލާ ކުރުވަނިވި ޙުކުމެއް ކުރުމުގެ ކުރީން ޕާޓީ އުވާލުމާއި ގުޅޭގޮތުން ނުވަތަ ކޮމިޝަންގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްދެއްވުން އެދި އެމްއާރްއެމް އިން ހުށަހަޅާފައިވާ މައްސަލާގައި، 28 މެއި 2023 ގައި ނެރެދީފައިވާ އަމުރަކީ، އެފަދަ އަމުރެއް ނެރެދިނުމަށް މައްސަލައިގެ ހާލަތުތައް ތަންދޭ ފަދަ އަމުރަކަށް ނުވާތީ، ވަގުތީ އަމުރު މުރާޖަޢާކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ސިވިލް ކޯޓްގެ ނިންމުމުގައިވަނީ، "މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމާއި ގުޅޭގޮތުން ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ތަންފީޛްކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާ 29 މެއި 2023 ގައި ނެރެދީފައިވާ ސިވިލް ކޯޓްގެ ވަގުތީ އަމުރު މުރާޖަޢާކުރެވެން ނެތް" ކަމުގައެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާ ކުރުމަށް  އިލެކްޝަންސް ކޮމިޝަންއިން ކޯޓަށް އެމައްސަލަ ހުށަހަޅާނެ ކަމަށް އޭރު އިލެކްޝަންސް ކޮމިޝަނުން ހާމަކުރިއެވެ.

އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަމަހު 24 ވަނަ ދުވަހުއެެވެ. ކޮމިޝަންގެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމަށް އެމްއާރްއެމް އިން ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން 28 މެއި 2023 ގައި ވަނީ އަމުރެއް ނެރެފައެވެ.
މިއަމުރުގައި ވަނީ އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން 30 ދުވަހަށް މަޑުޖައްސާލުމަށެވެ.

އެމްއާރްއެމް އުވާލަން ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ނޯޓިސް ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ ކަމަށް އެކޮމިޝަނުން ބުނެއެވެ.
އެމްއާރްއެމް ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަޕްޑޭޓްކޮށް އެންމެ ފަހުން މައުލޫމާތު ހިމަނާފައިވަނީ މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. އޭރު އެމްއާރްއެމްގައި ތިބީ 2،981 މެންބަރުންނެވެ.

ނަމަވެސް މި މައްސަލަ މިގޮތަށް ނިންމާފައިވަނީ އެމްއާރްއެމްގެ މެންބަރުންގެ އެންމެ ފަހުގެ އަދަދު ކޮމިޝަންގެ ވެބްސައިޓްގައި ޝާއިޢު ކުރުމަކާ ނުލައެވެ. އަދި އެމްއާރްއެމްއިން ބުނަމުންދަނީ ޕާޓީ އުވާލެވޭނެ ޙާލަތަށް ނާންނަކަމަށާއި، 3000 މެންބަރުން ހަމަވާ ވަރަށްވުރެ އިތުރަށްވެސް ފޯމް ހުށަހަޅާފައިވާނެ ކަމަށެވެ.

އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނީ ނޮވެމްބަރު 20، 2019 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު