Thursday, 18 April 2024

ހުރިހާ ކަމެއް އިންތިޒާމުވެގެން މިދަނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބޭގޮތަށް: އިމްރާން

ހުރިހާ ކަމެއް އިންތިޒާމުވެގެން މިދަނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބޭގޮތަށް ކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމާފައި ވަނީ އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއެވެ. އޭގެ ތެރެއިން އަދާލަތު ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ. ކޯލިޝަންގެ އަނެއް ޕާޓްނަރު ކަމަށްވާ ޖުމްހޫރީ ޕާޓީން ވަނީ ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފައެވެ.

ރައީސް ޞާލިހަށް އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބޭނެ ހުރިހާ މަގެއް ފަހިވަމުންދާކަމަށެވެ. ކަންކަން ތަރުތީބުވެ އެތުރެމުންދާ ގޮތަށް ބަލާއިރު ފެނިގެންދަނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބޭތަން ކަމަށް އިމްރާން ވިދާޅުވިއެވެ.

މާތް ރަސްކަލާންގެ ހެޔޮ ރަޚުމަތުން ކަންކަން ތަރުތީބުވެ ނިމެމުން މިދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ލިބުމަށް ފަހިވެ ފަސޭހަވާ ގޮތަށްކަން އިންސާފުވެރި، ހަރު ބުއްދީން ވިސްނާ ކޮންމެ މީހަކަށް ފެންނާނެއެވެ.

– އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވީ ކޮންކަމާއި ގުޅިގެން ކަމެއް ވިދާޅުނުވެއެވެ. އަދި މިއީ ކޮންކަމެއް ކޮން ގޮތަކަށް އިންތިޒާމުވާތީ ރައީސަށް ދެވަނަ ދައުރެއް ލިބޭނެ ގޮތެއްކަމެއްވެސް އިމްރާން ވިދާޅެއް ނުވެއެވެ. ރައީސަށް ދެވަނަ ދައުރެއް ފަސޭހައިން ލިބެން އޮތްކަމަށް އިމްރާން ވިދާޅުވާއިރު، ރައީސް ޞާލިހު ވެރިކަމަށް ގެނައުމަށް ބައިއަތު ހިފި މީހުންގެ ތެރެއިން އެެކީގައި ހުންނެވީ އިމްރާން އެކަންޏެވެ.

ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ވެރިކަމަށް ގެނައި، ގާއިމާއި، ރައީސް ނަޝީދާއި، ކާނަލް ނާޒިމާއި، ރައީސް މައުމޫންވެސް ދެކޮޅެވެ. މިބޭފުޅުން ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *