25 ޖަނަވަރީ 2025

ވޯޓަރސް ލިސްޓަށް 551 ޝަކުވާ!

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓަރސް ލިސްޓަށް ޖުމްލަ 551 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 11 ވަނަ ދުވަހު އާއްމުކުރެއްވި ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ. އެއީ މިމަހުގެ 11 އިން 22 އަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 551 ޝަކުވާއެއް ލިބިފައިވާއިރު މީގެ ތެރޭގައި މައިގަނޑު 6 ވައްތަރެއްގެ ޝަކުވާ ހިމެނެއެވެ. އަދި އެންމެ ގިނައިން ކޮމިޝަނަށް ހުށަހަޅާފައިވަނީ ނިޔާވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮވެގެންނެވެ.

ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތައް:

• ނިޔާވެފައިވާ މީހުންގެ ނަން އޮތުމުން: 465 ޝަކުވާ
• އެޑްރެސް ބަދަލުވެފައިވާތީ: 58 ޝަކުވާ
• ލިސްޓުގައި ނަން ނެތުމުން: 19 ޝަކުވާ
• ނަން ބަދަލުވެގެން: 5 ޝަކުވާ
• ދާއިރާ ބަދަލުވެގެން: 3 ޝަކުވާ
• އައިޑީކާޑު ބަދަލުވެގެން: 1 ޝަކުވާ

ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި 10 ދުވަހުގެ މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ކޮމިޝަނަށް ޝަކުވާ ހުށަހެޅިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 348 ޝަކުވާ ހުށަހަޅާފައިވެއެވެ.

މިއަހަރު ބާއްވަވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވައި، ރިޔާސީ އިންތިޚާބުގެ ޤަވާޢިދު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޢާންމުކުރައްވާފައެވެ.

އެގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާ ހަމައަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުއްވާލެއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު