މިދުވަސްވަރު ޑެންގީ، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން އާންމުކޮށް އުޅޭ ވަރަށް ވުރެ ގިނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެ އޭޖެންސީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުރިއަށް އޮތީ ސްކޫލް ބަންދާއި ސްކޫލް ބޮޑު ޗުއްޓީކަމުން، އެ ދުވަސްވަރު ރާއްޖޭން ބޭރަށާއި، އަތޮޅުތެރެއަށް ދަތުރު ފަތުރުކުރުން އިތުރުވުމާއި، ގޭގެއަށް ޒިޔާރަތްކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވެގެންދާނެ ކަމަށް އެ އޭޖެންސީއަށް ލަފާކުރެވޭ ކަމަށެވެ.
ޑެންގީ، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން އާންމުކޮށް އުޅޭ ވަރަށް ވުރެ މިދުވަސްވަރު އިތުރުވެފައިވާކަން އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކާއިރު، ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު ކުޑަކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާތަކުގެ ތެރޭގައި އާރާމުކުރުމާއި، ގިނަ ގިނައިން ދިޔާއެއްޗެހި ބޭނުންކުރުމާއި، ހުން މަޑުކުރުމާއި، ގައިގައި ރިއްސުމަށާއި، ހުޅުހުޅުގައި ރިއްސުމަށް ޕެރެސިޓަމޯލް ބޭނުންކުރުމަށާއި، ތިން ދުވަހަށްވުރެ އިތުރަށް ހުން އަންނަނަމަ، ނުވަތަ ދިޔާ އެއްޗިހި ބޭނުންނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރުދެރަވާނަމަ ޑޮކްޓަރެއްގެ ލަފަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުން ފާއިތުވި މޭ މަހު 263 މީހަކު ޑެންގީ ހުމަށް ޕޮޒިޓިވް ވެފައިވާއިރު، އަރިދަފުސް ރޯޖާއަށް 21،327 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ބޭރަށް ގިންގުމުގެ 2،788 ކޭސްއެއް އެ އޭޖެންސީއަށް ފާއިތުވި މޭ މަހު ރިޕޯޓުކޮށްފައިވެއެވެ.