ޢަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވި އަހަރާއި، އަންނަން އޮތް އަހަރުގެ ފާފަތައް ފޮހެވޭ ކަމެއް: ޚުތުބާ

ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ ފާއިތުވި އަހަރާއި، އަންނަން އޮތް އަހަރުގެ ފާފަތައް ފޮހެވޭ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ ޢަރަފާތު ދުވަހުގެ މާތް ކަމުގެ މައްޗަށެވެ. ޚުތުބާގައި ބުނެފައިވަނީ މި ދުވަސްވަރު އަޅުގަނޑުމެން ހޭދަކުރަމުން ދަނީ ހައްޖު މަހުގެ ފުރަތަމަ 10 ދުވަސް ކަމަށްވާ އިރު މިއީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށެވެ. ހަމަ އެހެންމެ މިއީ ތަގުވާވެރިވުމާއި އަދި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާ ވުމުގެ ދުވަސްތަކެއް ކަމަށް ވިދާޅުވެފައި ވެއެވެ.

އެހެންވެ ހެޔޮ އަމަލުކުރުން ގިނަކޮށް އާހިރަތުގެ ބާއްޖަވެރިކަން ލިބިގަތުމުގެ ދުވަސްތަކެއްކަން މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ. މި މާތް ދުވަސްތަކުގެ ތެރެއިން ވެސް އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަސް ކަމަށާއި އަދި އެ ދުވަހު އަރަފާތު ބިމަށް ޖަމާވެފައިވާ ހައްޖުވެރިންގެ ފާފަތައް މާތް ރަސްކަލާންގެ ފުއްސަވާ ދެއްވާ ކަމަށް ވިދާޅުވިފައި ވެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުންވެސް، މިދުވަހުގެ ސަވާބުން މަހުރޫމް ވުމެއް ނުވެއެވެ. ޙައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން، ޢަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރު ވެގެންވެއެވެ. ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ ފާއިތުވެދިޔަ އަހަރާއި، އަންނަން އޮތް އަހަރުގެ ފާފަތައް ފޮހެވޭ ކަމެއްކަމުގައި މާތް ރަސޫލާގެ ހަދީޘްފުޅުތަކުން ސާބިތުވެއެވެ.

– ޚުތުބާގައިވެއެވެ.

ހަމަ އެހެންމެ ހައްޖުގެ އަޅުކަމުގައި އުޅުމުގެ ނަސީބު ނުލިބޭ، މީހުން ވެސް މިއަދުގެ ސަވާބުން މަހުރޫމް ނުވާ ކަމަށް ހުތުބާގައި ވިދާޅުވެފައި ވެއެވެ. އެގޮތުން ހައްޖުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަ ހިފުން މޮޅުއިތުރުވެގެންވާ ކަމަށް ހުތުބާގައި ވިދާޅުވެފައި ވެއެވެ.

އުލުހިޔާ ކަތިލުމަކީ ތަނަވަސްކަން ލިބިގެންވާ މީހުންނަށް ގަދަވެގެންވާ ސުންނަތެއް. ގިނަ ގުނަ ދަރުމައާއި ސަވާބު ހުރި ކަމެކެވެ. އުލްހިޔާ ކަތިލުމުގެ ފައިބައިގެންދާ ލޭ ބިމުގައި ޖެހުމުގެ ކުރިން އެ މީހެއްގެ ފާފަ ފޮހެވޭނެ.

– ޚުތުބާގައިވެއެވެ.

ޚުތުބާގައިވަނީ ޚައްޖު ދުވަހުގެ އަޅުކަންތަކަށްފަހު އަންނަ އީދަކީ އުފާފާޅުކޮށް މުސްލިމުންގެ ސަގާފަތާއި އެއްގޮތަށް އީދުގެ އުފާ ފާޅުކުރެވޭ މުނާސަބަތަކަށް ހަދަންޖެހޭ ކަމުގައެވެ. އީދަކީ އެންމެންނަށް އުފާވެރިކަން ގެނުވާ އުފާވެރި ދުވަހަކަށް ހެދުމަކީ އެންމެން ގުޅިގެން އެކުވެެރިކަމާއިއެކު ފާހަގަ ކުރަންޖެހޭ ދުވަހެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މުސްލިމު އަޚުންނޭވެ. ޢީދު ދުވަހު އުފާފާޅު ކުރުމަކީ ހުއްދަ ކަމެއް. ނަމަވެސް އެދުވަހު ކުޅިވަރުތައްކުޅެ، އުފާފާޅު ކުރަންޖެހޭނީ އިސްލާމީ ހަމަތަކާއި، އަޚުލާގީ އިމުން ބޭރުނުވާގޮތަށް. އެއީ ތިމާގެ އަމިއްލަ ނަފްސަށާއި، އެހެން މީހުންނަށްވެސް ގެއްލުމާއި އުނދަނގޫތައް ކުރިމަތިނުވާނޭ ގޮތަކަށް.

– ޚުތުބާގައިވެއެވެ.

އީދައި އެހެން މީހުންނަށް ހެޔޮ ފޯރުވައި އެހީތެރިކަމުގެ ދުވަސް ކަމަށާއި އަދި އުލުހިޔާ ކަތިލުމުގެ ދުވަސް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު