30 އެޕްރީލް 2025

ރައީސް ޞާލިހު ވަނީ އަދާލަތާއި، ޖޭޕީ، އެމްއާރުއެމްވެސް ބައިބައިކޮށްލާފަ: ވައްޑެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި، އެމްއާރުއެމް އަދި ޖުމްހޫރީ ޕާޓީގެ ތެރެއިން ރޫޅާ ބައިބައި ކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުންތަކާއިއެކު، ވައްޑެ އަކީ ރައީސް ނަޝީދަށް ތާއީދުކޮށް ދަ ޑީމޮކްރެޓްސް އުފެއްދުމަށް މަސައްކަތް ކުރާ މެމްބަރެކެވެ. އެމްޑީޕީގެ ރިިޔާސީ ޕްރައިމަރީއަށްފަހު އެމްޑީޕީ ވަނީ ދެފަޅިއަށް ބައިބައި ވެފައެވެ. ރައީސް ނަޝީދަށް ތައީދު ކުރާ މެމްބަރުންނާއި، ރައީސް ޞާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ދަނީ އެދުވަހުން ފެށިގެން ބަދަލު ކުރަމުންނެވެ.

ވައްޑެ ވިދާޅުވީ ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ރައީސް ޞާލިހު ބައިބައި ކޮށްލީ ހަމައެކަނި އެމްޑީޕީ ނޫންކަމަށެވެ. ރައީސް ޞާލިހު ވަނީ އެމަނިކުފާނު ވެރިކަމަށް ގެނައި ޕާޓީތައްވެސް ބައިބައިކޮށްލާފައި ކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި ރައީސް ވަނީ މުޅި ސިޔާސީ ޕާޓީގެ ނިޒާމު ގަޑުބަޑު ކޮށްފައިކަމަށް ވައްޑެ ވިދާޅުވިއެވެ.

ދައުލަތުގެ ފައިސާއާ ވަސީލަތްތައް ބޭނުންކޮށްގެން ރައީސް ޞާލިހު ރޫޅާލައި ބައިބައިކޮށްލީ ހަމައެކަނި އެމްޑީޕީއެއް ނޫން. 2018 ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީ އަދި އެމްއާރްއެމްގެ ތެރެވެސް ރޫޅާ ބައިބައިކޮށްލައިފި. މުޅި ސިޔާސީ ޕާޓީ ނިޒާމު ގަޑުބަޑުކޮށްލައިފި.

– ވައްޑެ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއިއެކު ކުރިއަށް ދިއުމަށް ނިންމީ އެމަނިކުފާނުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން އެކަންޏެވެ. ދެން ތިބި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީއާއި، އެމްއާރުއެމްއިން ވަނީ ރައީސް ޞާލިހަށް ތާއީދު ނުކުރަން ނިންމާފައެވެ. މިނިންމުންތަކާއިއެކު އެޕާޓީތަކުގައި ސަރުކާރުގެ އެކި މަޤާމުތައް ފުރުއްވާ ބައެއް ބޭފުޅުން ވަނީ އެމްޑީޕީއާއި ގުޅިފައެވެ.

ޖުމްހޫރީ ޕާޓީން ބުނެފައިވަނީ މިއީ ސަރުކާރުން ނުފޫޒު ފޯރުވައި ވަޒީފާތަކުގެ ބިރު އޮތްކަން ހާމަވާ ކަމެއްކަމަށެވެ. އެމްޑީޕީ ތެރެ ބައިބައި ވެފައިވާއިރު، ރައީސް ޞާލިހު ވެރިކަމަށް ގެނައި ބޭފުޅުންގެ ތެރެއިން މިވަގުތު އެމަނިކުފާނަށް ތާއީދު ކުރަނީ ވެރިކަމަށް ގެނައި ލީޑަރުންގެ ތެރެއިން އިމްރާން އެކަންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު