މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ސްލޮޓެއްގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނެވި އިސްމާއިލް ޒަބީހް މަގާމުން ވަކިކޮށްފިއެވެ.
ޒަބީހް މަގާމުން ވަކިކުރިކަން އަންގަވާފައިވަނީ، ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު ސޮއި ކުރައްވައި އިއްޔެ ފޮނުއްވި ސިޓީފުޅަކުންނެވެ.
ޒަބީހް އެ މަގާމުން ވަކިކޮށްފައިވާއިރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) ވެސް މިނިސްޓަރުގެ މަގާމުގައި އެ ހުންނަވަނީ އެމްއާރްއެމްގެ ސްލޮޓެއްގައެވެ. މި ފަހުން އެމްއާރްއެމްއިން ބަޔަކު ވަކިވި ނަމަވެސް މިނިސްޓަރު ޗަބީ އެމްއާރްއެމް ދޫކޮށްލައްވާފައެއް ނުވެއެވެ.
ޒަބީހް ވަކިކޮށްފައިވާއިރު، ސަރުކާރު ކޮލިޝަންތަކުގައި ހިމެނޭ އެމްޑީޕީގެ ރަައީސް ޞާލިޙަށް ތާއީދު ކުރާ ފަރާތްތަކާއި އަދާލަތު ޕާޓީގެ ސްލޮޓްގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތައް ފިޔަވައި އެހެން ޕާޓީީތަކުގެ ސްލޮޓްތަކުގައި ތިއްބެވި ފަރާތްތަކަށް ފިއްތުންތައް ކުރިމަތިވަމުންދާކަމަށް ޚަބަރު ލިބެއެވެ.