ކުށްވެރިންގެ ފައިގައި ޓެގު އަޅުވައި މުޖުތަމައަށް ދޫކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ ޖިނާއީ ޢަދުލުގެ ބޭނުމަށްޓަކައި މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ޤާބިލުކަން ފުލުހުންގެކިބާގައި ޤާއިމުކޮށް، ކޯޓު އަމުރެއްގެ ދަށުން އެންކަލް ބްރެސްލެޓް (ޓެގު) ބޭނުންކުރަން މިއަދު ފަށާފައިވާކަމަށެވެ. މިފަހަރު ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް ދިމަލެއްނުވާނެކަމަށް އިމްރާން ވިދާޅުވިއެވެ.
ޒަމާނީ ވަސީލަތްތަކާއެކު މިނިޒާމު މިއަދު ބޭނުންކުރެވެނީ މައިގަނޑުގޮތެއްގައި ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންކަމަށް ވިޔަސް، ސަރުކާރުގެ އަމާޒަކީ އަދުލުގެ ނިޒާމުގައި ‘މޮނިކޮން’ ބޭނުންކުރެވޭނެ އިތުރު އިޖުރާއާތްތައް ތައާރަފުކޮށް، ޖަލުގައި މީހުން ބަންދުކުރެވޭ މިންވަރު މަދުކުރުމުގެ ނިޔަތުގައި ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިއަދު ޓެގް އަޅުވަން ފެށިފަހުން ފުރަތަމަ ޓެގް އެޅުވީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން ބަންދުން ދޫކޮށްލި އަހްމަދު އިސްމާއިލް (އަހަނދު) ފައިގައެވެ.
ރިލްވާނާއި ޔާމީންގެ މަރާ ގުޅިގެން، އަހުމަދު އިސްމާއިލްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދައުވާއެކެވެ. އެ ދެ ދައުވާއާ ގުޅޭ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
ސިއްރުން ކުރިއަށް ގެންދާ މި ޝަރީއަތްތަކުގައި ކޯޓުން މިދިޔަ ބުދަ ދުވަހު އޭނާ ދޫކޮށްލީ ޝަރުތުތަކަކާ އެކުއެވެ. އެނގިފައިވާ ގޮތުގައި މިއަދު އޭނާގެ ފައިގައި ޓެގް އެޅުވީ ކޯޓުން އެގޮތަށް ޝަރުތު ކުރުމުންނެވެ.