މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް)ގެ ސްލޮޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިސްމާއިލް ޒަބީޙް މަޤާމުން ވަކިކުރެއްވުމާއި އެމްއާރުއެމްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޒަބީހު ވަކި ކުރުމާއި ގުޅިގެން އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެޕާޓީގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިސްމާއިލް ޒަބީޙް މަޤާމުން ވަކިކުރެއްވިކަން 22 ޖޫން 2023 ވަނަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގާފައިވާކަމަށެވެ.
އިސްމާއިލް ޒަބީޙްއަކީ ތަޢުލީމީ އަދި ޤާބިލު ބޭފުޅެއްކަމަށާއި، ކުއްލިއަކަށް މަޤާމުން ވަކިކޮށްފައިވާ ގޮތާއިމެދު އެމް.އާރް.އެމްއިން ނުހަނު ކަންބޮޑުވާކަމަށް އެޕާޓީން ބުނެއެވެ.
ޒަބީޙް މަޤާމުން ވަކިކުރަންޖެހޭ ވަރުގެ ޢަމަލެއް ކުރައްވާފައި ނުވާނެކަން މިޕާޓީއިން ރައްޔިތުންނަށް ކަށަވަރު ކޮއްދެން. ޒަބީޙްއަކީ ހަވާލުކުރެއްވި މަޤާމުގެ މަސްއޫލިއްޔަތު ނުހަނު ފަރުވާތެރިކަމާއި ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރެއްވި
– ބޭފުޅެއް.އެމްއާރުއެމްއިން ބުނެފައިވެއެވެ.
އެމްއާރުއެމްއިން ބުނީ ތަޢުލީމީ ޤާބިލް ޒުވާނުން ޤައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު ދިނުމަކީ އެމް.އާރް.އެމް އިން ނުހަނު އިސްކަމެއްދޭކަމަކަށް ވާއިރު، ޒަބީޙް ފަދަ ޚިދުމަތްތެރި ޒުވާނަކު މަޤާމުން ވަކިކުރެއްވުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. އަދި ޕާޓީއާއި މަޝްވަރާނުކުރައްވާ އަދި ވަކި ސަބަބެއް ބަޔާން ކުރެއްވުމެއްނެތި ކޯލިޝަން އެގްރީމެންޓާއި ހިލާފަށް ސަރުކާރުން މި ނިންމުން ނިންމާފައިވާތީ ނުހަނު ކަންބޮޑުވާކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.
ސިޔާސީ މަޤްސަދު ހާސިލް ކުރެވޭނެކަމަށް، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުން ޝަރުތު ހަމަނުވާ ގިނަ އަދަދެއްގެ ބަޔަކަށް ހަދިޔާ ބަހާ އުސޫލުން ސިޔާސީ މަޤާމު ދިނުމަކީ ޤައުމަށް ނުހަނު ގެއްލުން ބޮޑު ކަމެއް ކަމުގައިވެސް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.
އެމްއާރުއެމްއިން ވަނީ ފާއިތުވެދިޔަ 4 އަހަރާ 4 މަހުގައި ޒަބީޙް ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން ކޮށްދެއްވި ފާހަގަކޮށްލެވޭ ޚިދުމަތްތައްވެސް ވަނީ ހިއްސާ ކޮށްފައެވެ.
– ސަރުކާރަށް 3 އަހަރު ވެގެން ދިޔައިރު ޓިވެޓް ސެންޓަރުތަކާއި ޖޫނިއަރ ކޮލެޖް ޤާއިމްކުރުމުގެ މަސައްކަތްތައް އެކިއެކި ސިޔާސީ މުވައްޒަފުންނާއި ހަވާލުކޮށް ކުރިއަށް ނުގޮސްފައިވާ ވަނިކޮށް ޑެޕިއުޓީ މިނިސްޓަރ ޒަބީޙް އާ ހަވާލުކުރެއްވި ދުވަހުން ފެށިގެން އަމަލީ މަސައްކަތްތައް ފައްޓަވައި، މިހާރު ހއ. ދިއްދޫ ޖޫނިއަރ ކޮލެޖާއި ރ. އަލިފުށި ޓިވެޓް ސެންޓަރު އިމާރާތްކުރުން ނިމުމަކާއި ހަމައަށް ވަނީ ގެންގޮސްދެއްވާފައެވެ. އަދި އެކިއެކި ފޭސްތަކަށް ބަހާލައްވައިގެން އެ ތަންތަން ހުޅުވައި ޚިދުމަތްދެވޭނެ ގޮތްތައް ރާވާ އެކަންކަމުގެ އިރުޝާދު މުވައްޒަފުންނަށް ދެއްވަމުން ގެންގޮސްފައިވެއެވެ.
– ޒަބީޙް ޕްރޮޖެކްޓްތަކާއި ހަވާލުވެ ވަޑައިގަތްއިރު ނ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި ކ. ތުލުސްދޫ ޕޮލިޓެކްނިކް ޤާއިމްކުރަން އިންވެސްޓްކުރާނެ ބަޔަކު ނުވެފައި އޮތްނަމަވެސް، ސިޔާސަތުތަކަށް އެކިއެކި ބަދަލު ގެންނަވައި އެ ތަންތަން ޤާއިމްކޮށްދޭނެ ފަރާތެއްގެ ޝައުޤުވެރިކަން ހޯއްދަވައި ދެއްވާ އެ ތަންތަނުގެ މަސައްކަތްތައް މިހާރު ހިނގަމުން އެބަދެއެވެ.
– ޒަބީޙް ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ މާލީ ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނެސްދެއްވާފައެވެ. އެގޮތުން އެތައް ބިލިއަން ރުފިޔާއެއްގެ ސްޓޫޑަންޓް ލޯނު ފަންޑުގެ މަޢުލޫމާތު މާލީ ބަޔާންތަކުގައި ހިމަނާ ރައްޔިތުންނާ ހަމައަށް ދެފުށް ފެންނަ ގޮތަކަށް އެ މަޢުލޫމާތުތައް ގެނެސްދޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. ޒަބީޙް ހަވާލުވެ ވަޑައިގަތުމުގެ ކުރިން މި މަޢުލޫމާތުތައް މާލީ ބަޔާންތަކުގައި ގެނެސްފައި ނުވާކަން ފާހަގަ ކުރެވެއެވެ. މާލިއްޔަތު ޤަވާއިދާ ޚިލާފަށް އެކިއެކި ކޮމާޝަލް ބޭންކުތަކުގައި ރައްކާކޮށްފައިހުރި އެތައް ސަތޭކަ މިލިޔަން ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓުތަކަށް ބަދަލުކުރެއްވިއެވެ.
– ތަފާތު އެކި ސަބަބުތަކާހުރެ ދަރިވަރުންނަށް ނުދެއްކި، ބޮޑެތި އަދަދު ތަކުން އަރައިގެން ގޮސްފައިވާ ސްޓޫޑަންޓް ލޯނު ރީޕެމަންޓް ފައިސާ ވަކި ޢުސޫލެއްގެ ދަށުން އެކި މަސް މަހަށް ބަހާލައިގެން ދެއްކޭނެ ގޮތްތައް ހަމަޖައްސަވާ ދައުލަތަށް ނުލިބިހުރި އެތައް މިލިއަން ރުފިޔާއެއް ހޯއްދަވައި ދެއްވިއެވެ. އަދި ދަރިވަރުންނަށް ދެވަނަ ފުރުޞަތެއްދީ ދަރަނީގެ ހާސްކަމުން ސަލާމަތްވެވޭނެ މަގު ތަނަވަސްކޮށްދެއްވިއެވެ.
– ސްޓޫޑަންޓް ލޯނުގެ އެޑްމިން ފީ %3 އިން %1 އަށް ކުޑަކުރިއިރު ޒަބީޙް މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. އެގޮތުން ކުރިއާއި ޚިލާފަށް ދަރިވަރުންނަށް އެއްވެސް ތަކުލީފަކާނުލާ ލޯނު އެގްރީމެންޓްތަކަށް ބަދަލުކޮށްދެއްވާފައިވެއެވެ.
– ޚިދުމަތުގެ 4 އަހަރު ތެރޭގައި ރިއަލިސްޓިކް ބަޖެޓެއް ތައްޔާރުކުރެވޭނެ ފަންނީ ލަފާ އާއި އިރުޝާދު މުވައްޒަފުންނަށް ދެއްވިއެވެ. އަދި މިހާރު އެ މިނިސްޓްރީން ތައްޔާރުކުރާ ބަޖެޓަކީ ރިޔަލިސްޓިކް ބަޖެޓެކެވެ. އެކަމުގެ ފަންނީ ޤާބިލްކަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ޤާއިމްކޮށްދެއްވާފައިވެއެވެ.
– ޒަބީޙް ގެ ޚިދުމަތުގެ މުއްދަތުގެ ތެރޭގައި އެމްކިޔުއޭ އާއި އެމްއެންއެސްޑީއޭ ގެ ހިންގުމާއި ތަފާތު އެކިފަހަރުމަތިން ވަގުތީ ގޮތުން ހަވާލުވެވަޑައިގެންފައި ވެއެވެ.
– މިނިސްޓަރު ރާއްޖޭން ބޭރަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ހިންގުމާއި ހަވާލުވެވަޑައިގެން، ޒިންމާދާރުކަމާ އިޚްލާސްތެރިކަމާއެކު މިނިސްޓަރުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރައްވާފައިވެއެވެ.
– ސައުތު އޭޝިއަން ޔުނިވަރސިޓީގެ ފައިނޭންޝަލް އެކްސްޕާޓްސް ކޮމިޓީގެ މެންބަރު ކަމާއި އެމްކިޔުއޭގެ ގަވާނިންގ ބޯޑު މެންބަރުކަމާއި ޗާޓާޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ އެކަޑެމިކް ކޮމިޓީގައި ތަފާތު އެކި ޚިދުމަތްތައް ޒަބީޙް ކޮށްދެއްވާފައި ވެއެވެ.