ހަދިޔާ ބަހާ އުސޫލުން ސިޔާސީ މަޤާމު ދިނުމަކީ ޤައުމަށް ހުރި ބޮޑު ގެއްލުމެއް: އެމްއާރުއެމް

ހަދިޔާ ބަހާ އުސޫލުން ސިޔާސީ މަޤާމު ދިނުމަކީ ޤައުމަށް ނުހަނު ގެއްލުން ބޮޑު ކަމެއްކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ބުނެފިއެވެ.

އެޕާޓީން މިހެން ބުނީ އެމް.އާރް.އެމްގެ ސްލޮޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިސްމާއިލް ޒަބީޙް މަޤާމުން ވަކިކުރެއްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ.

ޒަބީހު ވަކި ކުރުމާއި ގުޅިގެން އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެޕާޓީގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިސްމާއިލް ޒަބީޙް މަޤާމުން ވަކިކުރެއްވިކަން 22 ޖޫން 2023 ވަނަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގާފައިވާކަމަށެވެ. އިސްމާއިލް ޒަބީޙްއަކީ ތަޢުލީމީ އަދި ޤާބިލު ބޭފުޅެއްކަމަށާއި، ކުއްލިއަކަށް މަޤާމުން ވަކިކޮށްފައިވާ ގޮތާއިމެދު އެމް.އާރް.އެމްއިން ނުހަނު ކަންބޮޑުވާކަމަށް އެޕާޓީން ބުނެއެވެ.

ޒަބީޙް މަޤާމުން ވަކިކުރަންޖެހޭ ވަރުގެ ޢަމަލެއް ކުރައްވާފައި ނުވާނެކަން އެޕާޓީން ރައްޔިތުންނަށް ކަށަވަރު ކޮއްދެއްވައެވެ. އަދި ޒަބީޙްއަކީ ހަވާލުކުރެއްވި މަޤާމުގެ މަސްއޫލިއްޔަތު ނުހަނު ފަރުވާތެރިކަމާއި ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރެއްވި ބޭފުޅެއްކަމަށް އެޕާޓީން ބުނެއެވެ.

އެމްއާރުއެމްއިން ބުނީ ތަޢުލީމީ ޤާބިލް ޒުވާނުން ޤައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު ދިނުމަކީ އެމް.އާރް.އެމް އިން ނުހަނު އިސްކަމެއްދޭކަމަކަށް ވާއިރު، ޒަބީޙް ފަދަ ޚިދުމަތްތެރި ޒުވާނަކު މަޤާމުން ވަކިކުރެއްވުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. އަދި ޕާޓީއާއި މަޝްވަރާނުކުރައްވާ އަދި ވަކި ސަބަބެއް ބަޔާން ކުރެއްވުމެއްނެތި ކޯލިޝަން އެގްރީމެންޓާއި ހިލާފަށް ސަރުކާރުން މި ނިންމުން ނިންމާފައިވާތީ ނުހަނު ކަންބޮޑުވާކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.

ސިޔާސީ މަޤްސަދު ހާސިލް ކުރެވޭނެކަމަށް، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުން ޝަރުތު ހަމަނުވާ ގިނަ އަދަދެއްގެ ބަޔަކަށް ހަދިޔާ ބަހާ އުސޫލުން ސިޔާސީ މަޤާމު ދިނުމަކީ ޤައުމަށް ނުހަނު ގެއްލުން ބޮޑު ކަމެއް ކަމުގައިވެސް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް މިހާރު ކޯލިޝަނުގައި ތިބި ޖޭޕީ، އެމްއާރުއެމް އަދި އަދާލަތު ޕާޓީއަށް ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ޓިކެޓު ލިބުމާއެކު ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީއަށް އިޖާބަދީ ކޯލިޝަން ހަދަން ނިންމީ އަދާލަތުން އެކަންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު