އަލްމަމްލަކަތުލް ޢަރަބިއްޔަތުއް ސުޢޫދިއްޔާ އަކީ ﷲ ތަޢާލާ ޙުރުމަތްތެރި ކުރައްވާފައިވާ ދެޙަރަމްފުޅު އެޤައުމެއްގެ ބިމުގައިވާ ޤައުމެވެ. ސަޢޫދީ ރަސްގެފާނުގެ ރަސްކަމުގެ އެންމެ އިސް ލަޤަބަކީ "ޚާދިމުލް ޙަރަމައިން އައްޝަރީފައިން" (ދެ ޙަރަމްފުޅު އެބަހީ މަސްޖިދުލް ޙަރާމާއި މަސްޖިދުއް ނަބަވީގެ ޚާދިމް) ކަމުގައި ކަނޑައެޅިފައި އޮތް އޮތުމަކީ އެބޭފުޅުން ދެޙަރަމްފުޅުގެ ޒިންމާ ނަންގަވާ ދަރަޖަ ބަޔާންވެގެންދާކަމެކެވެ.
މުސްލިމުންގެ އެންމެ މުޤައްދަސް ދެމިސްކިތް ސަޢޫދީ ދައުލަތުގެ ދާއިރާގެ ތެރޭގައި ވުމީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ޝަރަފެވެ. މިމަތިވެރި ޝަރަފާއި އެކީ ވަރަށް ބޮޑު ޒިންމާއެއްވެސް އެވަނީ ސަޢޫދީ ދައުލަތުގެ ކޮނޑުގައި އެޅިފައެވެ. މިޒިންމާ ސަޢޫދީ ދައުލަތުން ދަނީ ވަރަށް ފުރިހަމައަށް އަދާކުރަމުންނެވެ. ދެޙަރަމްފުޅުގެ ކަންކަން ސަޢޫދީ ދައުލަތުން ބަލަހައްޓަމުން ގެންދަނީ ވަރަށް ފުރިހަމަށެވެ. އެކަމަށްޓަކައި ދައުލަތުގެ ޚަޒާނާއިން ހޭދަކުރަމުންދަނީ ދީލަތިކަމާއި އެކީގައެވެ. ދެޙަރަމްފުޅުގެ ޢުމްރާނީ ތަރައްޤީއަށާއި، ޙައްޖުވެރިންނާއި ޢުމްރާވެރިންގެ ސަލާމަތީ ކަންކަމަށާއި، ޞިއްޙީ ސަލާމަތަށާއި، ދަތުރު ފަތުރުގެ ފަސޭހަތަކަށް ބިލިއަނުން ޚަރަދުކުރަމުންދެއެވެ.
ޙައްޖުވެރިންނާއި ޢުމްރާވެރީންނާއި މެދު ސަޢޫދީ ދައުލަތުން ދެކެނީ އާދައިގެ މެހްމާނުންގެ ގޮތުގައެއް ނޫނެވެ. އެބައިމީހުންނަށް މުޚާތަބު ކުރެވެނީ "ضيوف الرحمن" މިފަދައިންނެވެ. އެބަހީ އައްރަޙްމާނުގެ މެހްމާނުންނެވެ. އެހެންކަމުން ޙައްޖުވެރިންނާއި ޢުމްރާވެރިންނާއިމެދު މުޢާމަލާތްކުރެވިގެންދަނީ ސަޢޫދީޢަރަބިޔާއަށް ޒިޔާރަތްކުރާ ﷲ ގެ މެހްމާނުންގެ ގޮތުގައެވެ.
ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް އިސްތިޤްބާލުކުރުމާއި މަރްޙަބާ ކިޔުމުގެ ކަންތައް ފެށިގެންދަނީ އެބައިމީހުން ސަޢޫދީއަށް އެތެރެވުމާއި ހަމައިންނެއް ނޫނެވެ. އޭގެ މާކުރިން އެކި ޤައުމުތަކުގައިވާ ސަޢޫދީގެ އެންބަސީތަކުން ޙައްޖުވެރިންނާއި ޢުމްރާވެރިންގެ ކަންތައްތައް އިންތިޒާމުކޮށް ވިސާގެ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޭނުންވާ އެކިއެކި އިރުޝާދުތަކާއި، އެންމެ ފަހުގެ އިޖްރާއާތްތަކުގެ ތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދީ ހަދާނެެއެވެ. ވިސާ ހަމަޖެއްސުމުގެ ކަންކަން މިހާރުވަނީ ކުރިއާއި އަޅާބަލާއިރު ވަރަށް ބޮޑަށް ފަސޭހަވެގެންގޮސްފައެވެ. ޙައްޖުވެރިންނާއި ޢުމްރާވެރިން ޒިޔާރަށް ކުރުމުގެ މާކުރިން ސަޢޫދީގެ ޢާންމު ރައްޔިތުންނާއި ކަމާއިބެހޭ ހުރިހާ ފަރާތްތަކަށް ދައުލަތުން އިރުޝާދުތައް ދެމުންގެންދާނެއެވެ. ޒިޔާރަތްކުރާ ފަރާތްތަކަކީ ﷲ ގެ މެހްމާނުންކަން ހަނދާންކޮށްދީ، އެބައިމީހުންނަށް އިޙްސާންތެރިވެ އެހީތެރިވެ އަޅާލުމަށާއި، އަނިޔާއެއް ގޯނާއެއް ގެއްލުމެއް ނުދިނުމަށް އިލްތިމާސްކޮށް ހަދަމުންގެންދާނެއެވެ.
ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް އިސްތިޤްބާލުކޮށް، ސަޢޫދީއަށް އެތެރެވުމުގައި އިމިގްރޭޝަންގެ ކަންތައްތަކާއި، ލަގެޖް ލިބުމުގެ ކަންކަން އަވަހަށް އިންތިޒާމުކުރުމުގެ ގޮތުން ޙައްޖުވެރިން ދަތުރުކުރާ އެއަރޕޯޓްތަކާއި، ކަނޑުގެ ބަދަރުތަކާއި، އެއްގަމުން އެތެރެވާ ބޯޑަރުތައް ތަރައްޤީކޮށް ޚިދުމަތްތައް އަވަސްކުރުމުގެ މަޝްރޫޢުތައް އަބަދުވެސް ސަޢޫދީ ދައުލަތުން ކުރިއަށް ގެންދެއެވެ. މިގޮތުން ބަލާއިރު ޙައްޖުވެރިންނާއި ޢުމްރާވެރިން އެންމެ ގިނައިން ބޭނުންކުރާ ޖިއްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްތަކަކީ މެދުކެނޑުމެއް ނެތި އަބަދުވެސް ހިނގަހިނގާ ހުންނަ މަޝްރޫޢެކެވެ. ޙައްޖުވެރިންނާއި ޢުމްރާވެރިން ސަޢޫދީގެ އެތެރޭގެ ދަތުރުތައް ކުރުމަށްޓަކައިވެސް އިންތިޒާމުކުރެވިފައިވާނީ އަރާމު އޭސީ ބަސްތަކެވެ. އަދި ބޮޑު ޚަރަދުތަކެއް ކޮށްގެން ދާދިފަހުން ހުޅުވި ބާރު ދުވެލީގެ ރޭލުގެ ނިޒާމަކީ ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ލިބިިގެން ދިޔަ ވަރަށް ބޮޑު ލުޔެކެވެ. އެތައް ގަޑި އިރެއްގެ ދިގު ދަތުރުތައް ރޭލުގެ ނިޒާމުގެ ސަބަބުން ވަނީ ވަރަށް އަވަސްވެ ކުރުވެގެން ގޮސްފައެވެ. ޙައްޖުވެރިންނާއި ޢުމްރާވެރިން ބޭތިއްބުމަށް ހުއްދަދެވޭ ހޮޓެލްތަކަކީވެސް ވަކި ޚާއްސަ މިންގަނޑުތަކަކަށް ފެތެންޖެހޭ ޙައްޖުވެރިންނަށް އަރާމު، ޞިއްޙީގޮތުން ރައްކާތެރި ތަންތަން ކަމުގައި ޔަޤީންކޮށް އިންސްޕެކްޓްކުރެވިގެންދެއެވެ.
ޢުމުރުން ދުވަސްވެފައިވާ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގައި އެހީތެރިވުމަށްޓަކައި ސަޢޫދީގެ ސްކައުޓުން ސައުވީސް ގަޑިއިރު މަސައްކަތް ކުރަމުންގެންދެއެވެ. އެއީ އެކުދިންނަށް ލިބިގެންދާ ބޮޑު ޝަރަފެއްކަމުގައި ދެކިގެން އުފަލުން އަދާކޮށްދޭ ޚިދުމަތެކެވެ. ޙައްޖާއި ޢުމްރާގެ އަޅުކަން ފަސޭހަކަމާއި އެކީ އަދާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދެޙަރަމްފުޅު ބޮޑުކުރުމާއި، މިނާއާއި މުޒްދަލިފާއާއި، ޢަރަފާތާއި، އިޙްރާމް ބަންނަ މީޤާތުތަކާއި، ޖަމްރާތައް ބޮޑުކޮށް ޚިދުމަތްތައް ފުރިހަމަ ކޮށްދިނުމުގެ މަޝްރޫޢުތަކަކީ ޚަރަދަކަށް ބެލުމެއް ނެތި ދީލަތި ކަމާއި އެކީ ދެޙަރަމްގެ ޚާދިމުގެ ކޮޑުފުޅުގައި އެޅިފައިވާ ޒިންމާއެއް ކަމުގައި ދެކެވަޑައިގެން ކުރެވޭ ޚަރަދުތަކެކެވެ.
ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ ސަޢޫދީ ދައުލަތުން ވަރަށް ބޮޑަށް ހުށިޔާރުވެ ސަމާލުކަންދޭ ކަމެކެވެ. ޙައްޖުގެ މޫސުމަށް ސަޢޫދީ އަމްނު އަމާނާއި ބެހޭ ފައުޖުތައް ޚާއްސަ ތަމްރީނުތައް ހަދާ ތައްޔާރީ ހާލަތަށް ގެނެވެއެވެ. އެންމެ ޒަމާނީ ސަލާމަތީ ވަސީލަތްތައް ހޯދައި، ދިމާވެދާނެ ކޮންމެ ފަދަ ޙާލަތަކަށްވެސް ފުރިހަމައަށް ތައްޔާރުވެއެވެ.
ހޮސްޕިޓަލްތަކާއި އެންބިއުލާސްތައްވެސް ޙައްޖު މޫސުމަށް ޚާއްސަކޮށް ތައްޔާރީ ޙާލަތަށް ގެނެވެއެވެ. ޞިއްޙީ ޚިދުމަތްތެރިންގެ ފޭލިގެތަކާއި ކްލިނިކްތަށް ދެޙަރަމްފުޅުގައްޔާއި، މިނާއާއި މުޒްދަލިފާއާއި ޢަރަފާތުގައި ކައިރިކައިރީގައި ޤާއިމުކުރެވިފައިވާނެއެވެ. ޙައްޖުގެ އަޅުކަމަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ބަލިވެ އެނދުމަތިކުރެވިފައިވާ މީހުން ޢަރަފާތް ބިމަށް ގެންދިއުމަށް އެންބިއުލާންސުތަކުގައި ގެންދެވޭ އޮޕަރޭޝަނަކީވެސް ވަރަށް އިންތިޒާމީގޮތެެއްގައި ކުރިއަށް ގެންދެވޭ ޚަރަދުބޮޑު އޮޕަރޭޝަނެކެވެ. ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ސާފުބޯފެނާއި، ފާޚާނާކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމައަށެވެ.
ޙައްޖުވެރިންނާއި ޢުމްރާވެރިންގެ އިސްތިޤްބާލުގައި އެއަރޕޯޓްތަކާއި، ކަނޑާއި އެއްގަމުގެ ބޯޑަރގައި ޙަރަކާތްތެރިވާ މުވައްޒަފުންނަކީވެސް އެކަމަށް ތަމްރީނު ދެވިފައިވާ މުވައްޒަފުންތަކެކެވެ. ސަޢޫދީއަށް ފޭބުމާއި އެކީގައި ހިނިތުންވުމާއި އެކީގައި ކޮންމެ ޙައްޖުވެރިއަކަށްވެސް ހަދިޔާ ދެވެއެވެ. މިގޮތުން މުޞްޙަފާއި ކަދުރާއި، ދީނީ އިރުޝާދުތައް ހިމެނޭ ލީފްލެޓާއި ފޮތްތައް ޙައްޖުވެރިންނަށް ހަދިޔާގެ ގޮތުގައި ދެވިގެންދެއެވެ.
ޙައްޖާއި ޢުމްރާގެ ކަންކަން އެންމެ ފުރިހަމައަށް ގެންދިއުމުގެ މަޤްސަދުގައި ސަޢޫދީ ދައުލަތުންވަނީ ޙައްޖުގެ ކަންކަމަށް ޚާއްސަ މިނިސްޓްރީއެެއްވެސް އުފައްދާފައެވެ. ސަޢޫދީ އިސްލާމިކް މިނިސްޓްރީއިން ޙައްޖުގެ ކަންކަން އިންތިޒާމުކުރުމުގެ ބަދަލުގައި ޙައްޖުގެ ކަންކަމަށް ވަކި ޚާއްސަ ވަޒީރަކާއި ވުޒާރާއެއް އުފެއްދުމަކީ ޙައްޖުގެ ކަންކަމަށް ސަޢޫދީ ދައުލަތުން ދެއްވާ އަހަންމިއްޔަތުކަން ހާމަވާކަމެކެވެ.
އިހުގައި މީހުން ތޮއްޖެހިގެން ޙައްޖުވެރިން ނިޔާވުމަކީ ކޮންމެ އަހަރަކުވެސް ހިނގަމުން އައިކަމެކެވެ. ނަމަވެސް މިކަމަށްވެސް ސަޢޫދީ ދައުލަތުންވަނީ ޙައްލުތަކެއް ހޯދާފައެވެ. ޙައްޖުވެރިން ތޮއްޖެހޭ ތަންތަން ފާހަނގަކޮށް އެތަންތަން ފުޅާކޮށް ތޮއްނުޖެހޭނެ ގޮތަކަށް ކަންކަން ވަނީ އިންތިޒާމުކުރެވިފައެވެ. މިގޮތުން ޖަމްރާއަށް ހިލައުކުމުގައި ދިމާވާ ތޮއްޖެހުން ޙައްލުކުރުމަށް ޖަމްރާތަކަށް ހިލައުކުން ފަސްބުރިން ކުރިއަށް ގެންދެވޭ ގޮތަށް މަގުތަކާއި ބްރިޖްތަކާއި އެކީ ބިޔަ ޢިމާރާތެއްވަނީ ބިނާކޮށްފައެވެ. އަދި ޠަވާފުކުރާ މަޠާފުގައި ތޮއްޖެހުން ކޮންޓްރޯލްކުރުމަށް މަަޠާފު ބޮޑުކުރެވި، މަޠާފަށް ވަންނަމީހުންގެ ޢަދަދު ބެލޭނެ ނިޒާމުތަކެއް ކަނޑައެޅި، ވަކި ގަނޑިތަކެއްގައި މަޠާފަށް ނުވަދެވޭނެހެން ބަންދުކުރުވިގެންދެއެވެ. މިއީވެސް ޙައްޖުވެރިންގެ ސަލާމަތަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. އަދި ސަޢުޔުކުރާ މަސްޢާވެސް ތަނަވަސްކޮށް އެކި ފްލޯރ ތަކުން ސަޢުޔުކުރެވޭގޮތްވަނީ ފަހިކޮށްފައެވެ.
ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ދެޙަރަމްފުޅުން ޒަންޒަމް ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް ނިޒާމީ ގޮތެއްގައި ހިންގޭ އޮޕަރޭޝަނެކެވެ. ފިނިކޮށްފައިވާ ފެނާއި ފިނިނުކޮށް ހުންނަ ފެން އަބަދުވެސް ލިބިލިބި ހުންނާނެއެވެ. މައްކާގެ ޙަރަމްފުޅުން މަދީނާގެ މަސްޖިދުއްނަބަވީއަށް ޒަމްޒަމް ފެން ގެންދިއުމަށްޓަކައި އެތައް ވެހިކަލަކާއި މުވައްޒަފުންތަކެއް ޙަރަކާތްތެރިވެއެވެ.
އަދި ސަޢޫދީ ދައުލަތުގެ ޚަރަދުގައި އިސްލާމީ ޤައުމުތަކުން ކޮންމެ އަހަރަކުވެސް އެތައް ބަޔަކަށް ހިލޭ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދަޢުވަތުދެވިގެންދެއެވެ.
ޓެކްނޮލޮޖީގެ މިޒަމާނުގައި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށްޓަކައި ގިނަގުނަ ޚިދްމަތްތަކެއް ސަޢޫދީ ދައުލަތުން ވަނީ ތަޢާރަފްކޮށްފައެވެ. އެކިއެކި ނަންނަމުގައި އެޕްލިކޭޝަންތައް ހެދި، ޙައްޖާއި ޢުމްރާގެ އަޅުކަމުގެ އިރުޝާދުތަކާއި، އެކިއެކި ތަންތަނުގެ މަޢުލޫމާތާއި، ތަންތަނުގެ މެޕްތަކާއި، ގެއްލިއްޖެ ޙާލަތުގައި ހޯދޭނެފަދަ ޓެގްގެ ނިޒާމަކީވެސް ޓެކްނޮލޮޖީގެ ޒަރީޢާއިން ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ސަޢޫދީ ދައުލަތުން ފަހިކޮށްދީފައިވާ ޚިދްމަތްތަކެކެވެ.
އުންމަތުގެ އެންމެހައި މުސްލިމުންގެ ޙައްޤުގައި ސަޢޫދީ ދައުލަތުން މިކުރާ ޚަރަދުތަކާއި، ހަމަޖައްސާ އިންތިޒާމުތަކަކީ ޝުކުރުކުރުން ޙައްޤު ކަމެކެވެ. ޚާދިމުލް ޙަރަމައިން އަލްމަލިކް ސަލްމާނާއި، ވަލިއްޔުލް ޢަހްދު މުޙައްމަދު ބިން ސަލްމާނު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގައި ބަރަކާތް ލައްވާ ހެޔޮ ދަރުމަ ދެއްވީށިއެވެ! އަދި ސަޢޫދީ ދައުލަތާއި ސަޢޫދީ އެންމެހައި ރައްޔިތުން ރައްކާތެރިކުރައްވާށިއެވެ. އާމީން !!!