ރިޔާސީ އިންތިހާބަށް ކުރިމަތިލާން އަންނަ ޖުލައި މަހުގެ 23ގައި ހުޅުވާލަނީ

ރިޔާސީ އިންތިހާބަށް ކުރިމަތިލާން އަންނަ ޖުލައި މަހުގެ 23 ގައި ހުޅުވާލައި، ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް 14 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.

ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އެޕްލިކޭޝަން ޖުލައި23 އިން އޮގަސްޓް 7އަށް އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގެއިން ބަލައިގަންނާނެ ކަމަށެވެ.

އިންތިހާބަށް ވާދަކުރުމުގެ ފޯމު ހުށަހަޅަން ކުރިން ދެނީ 10 ދުވަހެވެ. އެކަމަކު ހަތަރު ދުވަސް އިތުރުކޮށް އެ މުއްދަތު 14 ދުވަހަށް ވަނީ ބަދަލުކޮށްފައެވެ.

ހަބީބް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އެޕްލިކޭޝަން ބަލައިގަތުމުގެ އިސްލާހާ އެކު ކުރިމަތިލުމުގެ މުއްދަތު އިތުރުވިޔަސް ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީހަށް ބަދަލެއް ނާންނާނެކަމަށާއި ގުރުއަތުލުން އޮންނާނީ، ކެމްޕޭން ކުރުމަށް ތިރީސް ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ގައި ކަމަށެވެ.

އިންތިހާބު ކުރިއަށް ގެންދަން އީސީން ކަނޑައަޅާފައިވާ ތާވާލާ އެއްގޮތަށް މިހާރު ވަނީ ވޯޓާސް ލިސްޓް ވެސް އާއްމުކޮށްފަ އެވެ. މިފަހަރުގެ އިންތިހާބުގައި 283،000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ޔާމީނަށް ޓިކެޓް ހަވާލުކޮށްފައި ވިޔަސް އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ހައި ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެމަނިކުފާނަށް ވާދަކުރެއްވޭނެ ކަން ކަށަވަރުވާނީ އިސްތިއުނާފް ނިމުމުންނެވެ.

އިންތިހާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާންކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ މުހައްމަދު ނާޒިމެވެ. ހަމައެހެންމެ، އަލަށް އުފައްދަން މަސައްކަތްކުރާ ޑިމޮކްރެޓްސް އިން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

މި ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވައިފަ އެވެ. އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު