މަދްރަސަތުލް އިފްތިތާޙުގެ 90 ވަނަ އަހަރީ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ. މަދްރަސަތުލް އިފްތިތާޙުގެ 90 ވަނަ އަހަރީ (ޢުލޫމީ 90) ގެ ޙަރަކާތްތައް ފެށިފައިވަނީ، މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިން، އަދި ނައިފަރުގައި ޤާއިމްކުރެވިފައިވާ ސަރުކާރުގެ މުއައްސަސާ ތަކުގެ މުއައްޒަފުންގެ އިތުރުން އިފްތިތާޙުގެ އިސްދަރިވަރުން ބައިވެރިވި ހިނގާލުމަކުންނެވެ. މި ހިނގައިލުން ބާއްވާފައިވަ 2023 ޖޫން 22 ވީ ބުރާސްފަތި ދުވަހު ހެނދުނުއެވެ.
އިފްތިތާޙީ ދަނބުކުލައިން އެއްކުލަވެ، ހުރިހާ ބައިވެރިން މި ހިނގައިލުން ފެށީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. އެއަށްފަހު ދުވަހާގުޅޭ ކުރު ވާހަކަކޮޅަކަށްފަހު ދުޢާއެއް ކުރެވުނެވެ. ހިނގައިލުމުގައި ދުވަހަށް ޚާއްސަކުރެވިފައިވާ ލަވަޔަކާއި މަދްރަސީ ލަވަ އަޑުގަދަކުރާއިން ފޮނުވަމުން ދިޔައިރު ހިނގައިލުމުގެ ބައިވެރިންވެސް ޖޯޝާއި ފޯރީގައި ލަވައިގެ އަޑު އުފުލަމުން ގެންދިޔައެވެ. މަދްރަސާގެ ތަފާތު ޙަރަކާތްތަކާއި އެކި ގުނަވަންތަކުން ހިންގުނު ޙަރަކާތްތަކާ ގުޅޭ މުހިއްމު މަޢުލޫމާތުތައް ހިނގައިލުމުގައި ފޯރުކޮށްދެމުން ގެންދިޔައެވެ.
ޢުލޫމީ 90ގެ ބެނާ އާއެކު، ރަށުގެ އެކި މަގުތަކުގައި ކުުރިއަށް ގެންދިޔަ، ހިނގާލުން ނިންމައިލީ ސްކޫލުގެ ލަވަ ލަވަޔާއެކު، ޕްރިންސިޕަލްގެ ވާހަކަފުޅުވެސް ހިމެނިގެންނެވެ.
ހިނގައިލުމުގައި ބައިވެރިވި ހުރިހައި ފަރާތްތަކަށް މަދްރަސާގެ ފަރާތުން ޝުކުރު އަދާކުރާއިރު، ކުރިޔަށް ހުރި ޙަރަކާތް ތަކަށްވެސް މިފަދަ ހޫނު ތަރުޙީބު ލިބުމަށް ސްކޫލުން އުއްމީދުކުރެއެވެ.
ޢުލޫމީ 90 ގެ ތަފާތު ގިނަ ހަރަކާތްތައް ދިރާސީ އާ އަހަރާއެކު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައިއެވެ.
މަދަރުސަތުލް އިފްތިތާޙްއަކީ ތަޢުލީމީ ފުރިހަމަ މާޒީއެއް އޮތް، ތަޢުލީމީ އެތަކެއް ދަރިންނެއް އުފެއްދި ފަޚްރުވެރި ބިނާއެކެވެ.