ދައުލަތުގެ އެކި މުވައްސަސާތަކާއި، ކުންފުނިތަކުން މައުލޫމާތު ހޯދުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެކި ޓީމުތަކުން ކުރި މަސައްކަތުގައި އިދާރާތަކުން އެއްބާރުލުން ނުދިންކަމަށް އެޓީމުތަކުން ބުނެފިއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ސަރުކާރާއި ހަވާލުވާން ވާއިރަށް ޕީޕީއެމްގެ އިންތިޤާލީ ޓީމުތަކުން ދަނީ މައުލޫމަތު ހޯދުމަށް އެކި އިދާރާތަކަށް ވަޑައިގަންނަވަމުންނެވެ. މިމަސައްކަތުގައި އިދިކޮޅު ކޯލިޝަންގެ 9 ޓީމެއް ވަނީ 9 ވުޒާރާއަކަށް ވަޑައިގެންފައެވެ. ޓީމުތަކުން ކުރި މަސައްކަތްތައް މިއަދު މީޑީއާ އަށް ވަނީ ހިއްސާކޮށްފައެވެ.
އިންތިޤާލީ ކޮމެޓީން ވަނީ އިކޮނޮމިކް މިނިސްޓްރީ، އިމިގްރޭޝަން، އެޗްއާރުސީއެމް، ހެލްތު މިނިސްޓްރީ، ވެމްކޯ، އެންޓި ކޮރަޕްޝަން ކޮމިޝަން، ފެނަކަ، އެޑިއކޭޝަން މިނިސްޓްރީ އަދި އާސަންދަ އަށް ވަޑައިގެންފައެވެ.
ކޮމެޓީތަކުގެ ލީޑަރުން ވިދާޅުވީ މިބައްދަލުވުންތަކުގެ ތެރެއިން ކިރިޔާވެސް އެއްބާރުލުން ދެއްވީ އޭސީސީން އެކަނިކަމަށެވެ. އޭސީސީން ވަނީ އިދިކޮޅު ކޯލިޝަނުން ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަަސައްކަތަށް ތައުރީފް ކޮށްފައިކަމަށް އޭސީސީއަށް ދިޔަ ޓީމުން ފާހަގަކޮށްފައިވެއެވެ.
ހެލްތު މިނިސްޓްރީއަށް ދިޔަ ޓީމުން ބުނީ މިނިސްޓަރާއި މާގިނައިން ސުވާލު ކުރުމުން ކޯފާވެފައިވާކަަމަށެވެ. އިކޮނޮމިކް މިނިސްޓްރީއަށް ދިއުމުން ދޮޅުގަޑިވީއިރުވެސް މިނިސްޓްރީން ބައްދަލުކުރާނެ މީހެއް ނުވިކަމަށް އެ މިނިސްޓްރީއަށް ދިޔަ ޓީމުން ވިދާޅުވިއެވެ. އެހެން ތަންތަނަށްދިޔަ ބޭފުޅުން ވިދާޅުވީ މައުލޫމާތު ދިނުމަށް ގިނަ އިދާރާތަކުން ޖެހިލުން ވާކަމަށެވެ. އަދި މައުލޫމާތު ދޭން ބޭނުންވި ސިވިލްސާވަންޓުންނަށްވެސް ހުރަސް އެޅީ އެތަންތަނުގައިި އައްޔަން ކުރައްވާފައިވާ ސިޔާސީ ބޭފުޅުންކަމަށް ވަނީ ބުނެފައެވެ.
ކޮމެޓީތަކުން ބުނީ ބަންދަަށްފަހު އަލުން ހުޅުވުމުން އަނެއްކާވެސް މައުލޫމާތުތައް ހޯދުމަށް ދާނެކަމަށެވެ.