7 ޑިސެންބަރު 2024

މިއަހަރު އަލިފާނުގެ ހާދިސާތައް ހިނގި މިންވަރު އިތުރު: އެންޑީއެމްއޭ

ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ރާއްޖޭގައި އަލިފާނުގެ ހާދިސާތައް ހިނގި މިންވަރު އިތުރުވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީ ފޯރުވައިދީފައިވާ ގޮތުގެ ތަފްސީލުތަކެއް އާންމުކޮށްފައެވެ. އެންޑީއެމްއޭއިން އެ މައުލޫމާތަށް ބަލާއިރު، މި އަހަރު ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި 8 ރަށަކުން 8 ގެޔަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށެވެ.  އެ ހާދިސާތަކުގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހާލަތުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ޖުމުލަކޮށް އެއް މިލިއަން އެއްލައްކަ ފަންސަވީސް ހާސް ނުވަ ސަތޭކަ ސާޅިސް ޕޮއިންޓު ހައެއް ރުފިޔާގެ އެހީ ފޯރުކޮށްދީފައިވެއެވެ.

އެހީ ފޯރުކޮށްދީފައިވާ ރަށްތަކަކީ، ރ އުނގޫފާރު، ސ ފޭދޫ، ހދ މަކުނުދޫ، ހދ ނެއްލައިދޫ ހއ ފިއްލަދޫ އަދި ގދ ގައްދޫ އާއި އއ ތޮއްޑޫ އެވެ. އެ މުއައްސަސާއިން ބުނެފައިވާގޮތުން ހިނގި ހާދިސާތަކާއި ގުޅިގެން 17 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަމާއި އަންނައުނު ފޯރުކޮށްދީފައިވާކަމަށާއި، ކައްކައިކެވޭ އިންތިޒާމުތައްވެސް ހަމަޖައްސައިދީފައިވާކަމަށްވެސް  އެ އިދާރއިން ބުނެފައިވެއެވެ.

ވޭތުވެދިޔަ ފަސް އަހަރާއި އަޅާ ބަލާއިރު، މި އަހަރުގެ ތެރޭގައި އެފަދަ ހާދިސާތައް ހިނގުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ރިޕޯޓުކޮށްފައިވާ މިންވަރުތައް އިތުރުވެފައިވާ ކަމަށާއި، 2019 ވަނަ އަހަރު ގައި 14 ހާދިސާއެއް ހިނގާފައިވާކަމަށެވެ. އަދި 2020 ގައި 8 ހާދިސާ 2021 ވަނަ އަހަރު 16 ހާދިސާ 2022 ގައި 65 ހާދިސާ އަދި 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 31 އެއް ހާދިސާއެއް ހިންގާފައިވާކަމަށް އެ މުއައްސަސާއިންވަނީ ހާމަކޮށްފައެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް ފޯރުކޮށްދީފައިވަނީ ޖުމުލަކޮށް ނަވާރަ މިލިއަން ތޭވީސް ހާސް އެއް ސަތޭކަ ސާޅިސް ހަތަރު ރުފިޔާ ނަވާވީސް ލާރިކަމަށް ބަޔާންކުރަމުން އެންޑީއެމްއޭއިން ވަނީ އަތޮޅު ތެރޭގައި މިފަދަ ހާދިސާތައް އިތުރުވެފައިވާކަން ފާހަގަކުރެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު