ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދޭނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ލީޑަރު އޮންރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ގާސިމް އިބްރާހިމް ވަނީ، އިންތިހާބާ ދިމާކޮށް އުސޫލުން ބޭރުން ސަރުކާރުން ހުޅުމާލޭގެ ބިން ވިއްކަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"މާލެއަށް ދިމާވެފައިއޮތް ބޯހިޔާވަހިކަމުގެ މައްސަލައިގައި އެއްބަޔަކަށް ވިއްކަނީ . އަނެއްބަޔަކަށް ދޭންވީ ހިލޭ. ކޮބާ އިންސާފް. ކޮބާ އިހުސާންތެރިކަން . އަޅުގަނޑުގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދޭނަން. ބޮޑު ލާރިއެއްވެސް ދައްކާކަށް ނުޖެހޭނެ." ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ލީޑަރު އޮންރަބަލް ގާސިމް އިބްރާހިމް

ގާސިމްވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ އިތުރުން ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލިވެސް މައާފުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މައާފްކޮށްދޭނެކަމަށް ގާސިމް ވިދާޅުވިއިރު، ހިޔާ ފްލެޓްގެ ކުއްޔަށް ސަރުކާރުންވަނީ 7 އަހަރަށް ލުއެއްދީފައެވެ. ކުރިން ހިޔާ ފްލެޓްގެ ރައްޔިތުން ދައްކަމުން އައި 7500 ރުފިޔާގެ ބަދަލުގައި 7 އަހަރު ދުވަހުގެ މުއްދަތައް، ކޮންމެ މަހަކު 5300 ރުފިޔާ ދައްކާގޮތައް މިހާރު ހަމަޖައްސާފައިވާއިރު، މިބަދަލާއެކު 7 އަހަރު ދުވަހުގެ މުއްދަތަކަށް، ކުލީގެ އިތުރުން، މެއިންޓެނެންސްފީއާއެކު، ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދަކީ 6300 ރުފިޔާއެވެ. އަދި އެ 7 އަހަރު ނިނުމަށް ފަހު، ކުލި އަނެއްކާވެސް 7500 ރުފިޔާއަށް ބަދަލުވާނެއެވެ.

ސަރުކާރުން ހިޔާ ފްލެޓްގެ ކުލި ކުޑަކުރިކަމަށް ބުނި ނަމަވެސް ހިޔާ ފްލެޓްތަކުގެ ކުއްޔަށް އައި ބަދަލަކީ ލޯނު ދައްކަންޖެހޭ މުއްދަތު އިތުރު ކުރުމުން އައި ބަދަލެކެވެ. އަދި ސަރުކާރުން މިކަން ކުރި ގޮތާއިމެދު ގިނަ ފާޑުކިޔުންތަކެއްވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ހިޔާއިން މިހާރު ހުސްވެފައިވާ 145 ފްލެޓް ދޫކުރާނެ ގޮތްތަކެއް ސަރުކާރުން ކަނޑައަޅައިފައިވާއިރު ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ދާއިމީ ލިސްޓުން ބޭރުން ހިޔާ ފްލެޓްތައް ބަހާކަމުގެ ޝަކުވާ ބޮޑުވެ، މި މައްސަލައިގައި ސަރުކާރުން ގެންގުޅެނީ 100 އިންސައްތައިގެ ކޮރަޕްޝަން ޕޮލިސީއެއްކަމަށް އާއްމުންގެ އެކުވެރި ގުޅުމުން ވަނީ މީގެކުރިން ބުނެފައެވެ.

މިކަމާ ގުޅިގެން ބައެއް އާންމުންގެ ޝަކުވާތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަވާއިރު ބައެއް މީހުން ތުހުމަތުކުރާގޮތުގައި ފްލެޓްތައް ބަހަނީ ސަރުކާރުގެ އޭޖެންޓުންތަކަކަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ވަކި ވަރަކަށް ސަރުކާރަށް ވޯޓު ހޯދައިދޭނަމަ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ފްލެޓް ލިބޭނެކަމުގެ ޔަގީންކަން އޭޖެންޓުން ދެމުން އަންނަކަމަށް އާންމުން ތުހުމަތުކުރެއެވެ.

މިކަމާ ގުޅިގެން ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށައަޅުއްވާފައެވެ. އެހެންނަމަވެސް އެ މައްސަލަވަނީ ސަރުކާރުގެ ތާއީދާއެކު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު